ނޭޕާލުގައި ތިބި ދިވެހީންގެ ތެރެއިން 100 މީހަކު މެގަމޯލްޑިވްސް އިން ވެސް ރާއްޖެ އަށް ގެނެސްދޭނޭ ކަމަށް އެ އެއާލައިންގެ ސީއީއޯ ޖޯޖް ވެއިންމަން ވިދާޅުވެއްޖެ އެވެ.

ވެއިންމަން އޭނާގެ ފޭސްބުކްގައި މިއަދު ލިޔެފައިވާ ގޮތުން، ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫރަޕުން ފޮނުވާ މީހުންނާއި މުދާ ހިފައިގެން މިހާރު ނޭޕާލަށް ދަތުރުކުރަމުންދާ މެގަމޯލްޑިވްސްގެ ރެސްކިއު ފްލައިޓުން އެގައުމުގައި މިވަގުތު ތިބި ދިވެހީންގެ ތެރެއިން މަދުވެގެން 100 މީހުން ރާއްޖެ އަށް ގެނެސްދޭނެ އެވެ.

"މެގަމޯލްޑިވްސްގެ ރެސްކިއު ފްލައިޓް މިރޭގެ ވަގުތެއްގައި ކަތުމަންޑޫއަށް ދާނެ،" ޖޯޖް ވެއިންމަން ވިދާޅުވެފައިވެ އެވެ.

MEGA Maldives Airlines rescue flight on its way! Will get people and supplies fro Europe to Nepal and bring out at least 100 Maldivians. It will arrive Kathmandu tonight, Monday.

Posted byGeorge WeinmannonSunday, April 26, 2015

އެމެރިކާގެ ކުންފުންޏަކާ ގުޅިގެން ދިވެހި ކުންފުންޏަކުން 2009 ވަނަ އަހަރު އުފެއްދި މެގަ މޯލްޑިވްސް އިން ދަނީ، ޔޫރަޕްގެ އެހީދޭ ގައުމުތަކާ ގުޅިގެން ނޭޕާލަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މީހުންނާއި އެހީގެ ސާމާނު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންނެވެ.

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ އަށް ގެނައުމުގައި މެގަމޯލްޑްވްސް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާ އިރު، ނޭޕާލްގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށް ޓަކައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ވެސް އެ ގައުމަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ނިންމަވައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، މިހާރު މަސައްކަތްތައް ކުރިއަށް ދާގޮތަށް ބަލާ އިރު، ލަފާކުރެވޭ ގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެ ފްލައިޓް ނޭޕާލަށް ފުރާނެކަމަށެވެ.

ނޭޕާލަކީ ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ދާއިރާ އިން ކިޔަވައި ތަމްރީން ހޯދާ ގައުމަކަށްވާ އިރު، ބިންހެލުމާ ގުޅިގެން ދިވެހި ދަރިވަރުން ވެސް ވަނީ ހާލުގައި ޖެހިފަ އެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ މިހާތަނަށް ބެލި އިރު ނޭޕާލުގައި 100 ވަރަކަށް ދިވެހި ކިޔަވާކުދިން ތިބިކަމަށް އެނގިފައިވާ ކަމަށެވެ. އެކުދިން ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ހަމަޖައްސަނީ ވަގުތީ ގޮތުން ރާއްޖެ އައުމަށް އެކުދިން އެދެމުން ދާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނޭޕާލުގެ ކަތަމަންޑޫއަށް ރިކްޓާ މިންގަނޑުން 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 3000 އަށްވުރެ ގިނަ މީހުން މަރުވެ ގިނަ ރައްޔިތުން ހާލުގައި ޖެހިފައިވާ އިރު ރައީސް ޔާމީން ވަނީ މީގެ ދެ ދުވަސް ކުރިން އެ ގައުމުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.