24 Feb 2011, 12:55
އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ދެ ޓީމުގެ ކުރިމަތި ލުމުގައި ޗެމްޕިއަން އިންޓަމިލާން 1-0 އިން ބަޔާން މިއުނިކް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑާއި މާސޭގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މޮޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބި އިންޓަ އަށް ބޭނުން ނުކުރެވުމުގެ ފައިދާ ބަޔާނުން ނެގީ މެޗުގެ އެންމެ ފަހު މިނިޓްގަ އެވެ. ބުންޑަސްލީގާގެ ޓޮޕް ސްކޯރަރު މާރިއޯ ގޯމޭޒް ޖެހި ގޯލުގެ ސަބަބުން ކުއާޓާ ފައިނަލަށް ދިއުމަށް އިންޓައަށް މިހާރު ޖެހެނީ ބަޔާންގެ ދަނޑުގައި އެ ޓީމު ދެ ލަނޑުން ބަލިކުރާށެވެ.
މެންޗެސްޓާ ޔުނައިޓެޑާ މާސޭގެ މެޗު ހަމަހަމަ ވުމުން މެންޗެސްޓާގައި މީގެ ތިން ހަފުތާ ފަހުން ކުޅޭ މެޗުގައި 0-0 ނޫން ނަތީޖާއަކުން މެޗު އެއްވަރުވެއްޖެނަމަ ދެ ވަނަ ބުރަށް ދާނީ މާސޭ އެވެ. އެއީ އަވޭގޯލުގެ ތަފާތުންނެވެ. ލަނޑެއް ނުޖެހި އެއްވަރުވެއްޖެނަމަ ޖެހޭނީ އިތުރު ވަގުތު ކުޅޭށެވެ.
ނަމަވެސް މެންޗެސްޓާ މިސީޒަނުގައި ރަށުގައި ކުޅުނު 20 މެޗުގެ ތެރެއިން 17 މެޗުން މޮޅުވެފައިވާތީވެ އެ ޓީމަށް މިއީ ފަހަރުގައި ގޯސް ނަތިޖާއަކަށް ނުވުން އެކަށީގެންވެ އެވެ. އެކަމަކު ކޯޗު އެލެކްސް ފާގަސަން ކަންބޮޑުވާނެ ކަމަކީ މި ދެ ޓީމުގެ ދެ ވަނަ މެޗުގެ ކުރިން އިނގިރޭސި ލީގުގައި ލިވަޕޫލާއި ޗެލްސީއާއެކު ވާދަ ކުރަން ޖެހިފައިވުމެވެ.