ނިޔުޔޯކް (އެޕްރީލް 27) : ނިޔުޔޯކްގައި މިހާރު ކުރިޔަށްދާ ނިއުކްލިއަރ ފެތުރުން މަނާކުރާ މުއާހަދާ އަލުން މުރާޖައާ ކުރުމުގެ މަހާސިންތާގެ އަރިމަތީގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އާ މިއަދު ބައްދަލުކުރައްވާނެ ކަމަށް އެމެރިކާ ގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ކެރީ އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އާ ނިޔުޔޯކްގައި ބައްދަލުކުރައްވާނީ ނިއުކްލިއަރ ފެތުރުން މަނާކުރާ މުއާހަދާ އަލުން މުރާޖައާ ކުރުމުގެ މަހާސިންތާގެ އަރިމަތީންނެވެ.

މި މަހާސިންތާ ކުރިޔަށްދަނީ ނިޔުޔޯކްގައި ހުންނަ ޔޫއެން ބިލްޑިންގައެވެ. އީރާނާއި ދުނިޔޭގެ ބޮޑު ހަ ބާރާދެމެދު ކުރިޔަށްދާ ނިއުކްލިއަރ ވާހަކަތައް ކޮޅެއްގައިޖެހި އެކަމާބެހޭ ފްރޭމްވޯކް އެއްބަސްވުމަކަށް މިމަހުގެ ކުރީކޮޅު ވަނީ އާދެވިފައެވެ. މިކަމުގައި ދުނިޔޭގެ ބޮޑު ފަސްބާރުގެ ފަރާތުން އިސްކޮށް އުޅުއްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއެވެ.

އީރާނުގެ ނިއުކްލިއަރ މައްސަލަ ޙައްލުކުރުމުގެ ދާއިމީ އެއްބަސްވުން އަންނަ ޖޫންމަސް ނިމުމުގެކުރިން ވުޖޫދަށް ގެނައުމަށްޓަކައި އެކަމާބެހޭ ވާހަކަތައް އެމެރިކާއާއި އީރާނުގެ ފަންނީ ތަޖްރިބާކާރުން ސްވިސްޓްޒަލޭންޑްގައި މިދިޔަ ހަފްތާއިން ފެށިގެންވަނީ ކުރިޔަށްގެންދަން ފަށާފައެވެ. ކެރީއާއި ޖަވާދު ޒަރީފް ނިޔުޔޯކްގައި ބައްދަލުކުރައްވަނީވެސް މިއެއްބަސްވުމާބެހޭ މަޝްވަރާތައް ކުރެއްވުމަށް ކަމަށް ޚަބަރުލިބެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ އިތުރުން އުރުދުންގެ ޚާރިޖީ ވަޒީރު ނާސިރު ޖަވްދާ އާއި މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ އާ ވެސް ނިޔުޔޯކްގައި ކެރީ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދެ ބޭފުޅުންވެސް އުޅުއްވަނީ ނިއުކްލިއަރ ފެތުރުން މަނާކުރާ މުއާހަދާ އަލުން މުރާޖައާ ކުރުމުގެ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ނިޔުޔޯކްގައެވެ. (ރޮއިޓާސް)