27 Apr 2015, 09:32
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ އަށް ގެނައުމަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް އެ ގައުމަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ނިންމެވުމުގެ މަތިން ނޭޕާލަށް ފްލައިޓެއް ފޮނުވަން ނިންމައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ނޭޕާލުގައި ތިބި ދިވެހިން ރާއްޖެ އަށް ވީހާ ވެސް އަވަހަށް ގެނައުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އެގޮތުން ފޮރިން މިނިސްޓްރީ އިން ދަނީ އޭވިއޭޝަނާ ގުޅިގެން އެކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން،" މުއާޒު ވިދާޅުވި އެވެ.
މިހާރު މަސައްކަތްތައް ކުރިއަށް ދާގޮތަށް ބަލާ އިރު، ލަފާކުރެވޭ ގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ފްލައިޓް ނޭޕާލަށް ނައްޓާލާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ނޭޕާލަކީ ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ދާއިރާ އިން ކިޔަވައި ތަމްރީން ހޯދާ ގައުމަކަށްވާ އިރު، ބިންހެލުމާ ގުޅިގެން ދިވެހި ދަރިވަރުން ވެސް ވަނީ ހާލުގައި ޖެހިފަ އެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ މިހާތަނަށް ބެލި އިރު ނޭޕާލުގައި 100 ވަރަކަށް ދިވެހި ކިޔަވާކުދިން ތިބިކަމަށް އެނގިފައިވާ ކަމަށެވެ. އެކުދިން ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ހަމަޖައްސަނީ ވަގުތީ ގޮތުން ރާއްޖެ އައުމަށް އެކުދިން އެދެމުން ދާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނޭޕާލުގެ ކަތަމަންޑޫއަށް ރިކްޓާ މިންގަނޑުން 7.9ގެ ބާރުމިނުގައި އައި ބިންހެލުމުގައި 2000 ވަރަކަށް މީހުން މަރުވެ ގިނަ ރައްޔިތުން ހާލުގައި ޖެހިފައިވާ އިރު ރައީސް ޔާމީން ވަނީ މީގެ ދެ ދުވަސް ކުރިން އެ ގައުމުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފަ އެވެ.