27 Apr 2015, 09:39
ކަތުމަންޑޫ (އެޕްރީލް 27): ނޭޕާލަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން 3000 ހުން މަރުވެ މިލިޔަނަކަށްވުރެ ގިނަ މީހުން މަގުމަތިވެފައިވާއިރު އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފޭލިގެތަކުގެ ރަށްތަކެއް ގާއިމް ކުރަމުން އެބަގެންދެއެވެ.
ނޭޕާލުގެ މަސްއޫލުވެރިން ވިދާޅުވާގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށާއި މަގުމަތިވެފައިވާ އެތައް ލައްކަ ބަޔަކަށް ވަގުތީ ހިޔާވަހިކަން ފޯކޮށްދީ އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. މިކަންކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓްރާންސްޕޯޓާއި ލޮޖިސްޓިކް މައްސަލަތައް ކަމަށް ނޭޕާލުގެ އިންފޮމޭޝަން މިނިސްޓަރު މީނިންދްރާ ރައިގާލް ވިދާޅުވިއެވެ.
ރައިގާލް ވިދާޅުވިގޮތުގައި މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ވަގުތީ ހިޔާތައް ގާއިމްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް މުޅިގައުމުގައި ދަނީ ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. ނަމަވެސް ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމުން މި ކާރިސާއިން އަރައިގަތުމަށް ވަގުތާއި ލޮޖިސްޓިކް އެހީތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޕާލަށްއައި ބިންހެލުންތަކުގައި ގެދޮރު ހަލާކުނުވާ މީހުންވެސް ގެދޮރަށް ނުވަދެ، މިހާރު ދިރިއުޅެމުން ގެންދަނީ މަގުމަތީގައާއި ވަގުތީ ފޭލިތަކުގައެވެ.
މިދިޔަ ހުކުރުދުވަހު ނޭޕާލަށް އައި ބާރުގަދަ ބޮޑުބިންހެލުމަށްފަހު އެކިމިންވަރުގެ ކުދި ބިންހެލުންތައް އަދިވެސް ދަނީ އަންނަމުންނެވެ. މި ކުދި ބިންހެލުންތައް އަންނަމުންދާތީ ވެރިރަށް ކަތުމަންޑޫއާއި އެނޫންވެސް ރަށްތަކުގެ މީހުންނަށްވަނީ ގެދޮރަށް ވަންނަން ނުކެރިފައެވެ.
ނޭޕާލަށް އައި ބިންހެލުންތަކުގައި ގިނަ އަދަދެއްގެ ހޮސްޕިޓަލްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ ހޮސްޕިޓަލްތަކުގެ އެތެރޭގައި ފަރުވާދިނުމުގެ ބަދަލުގައި ޑޮކްޓަރުންނާއި ނަރުހުން، ބަލިމީހުންނަށް ފަރުވާދެމުންގެންދަނީ މަގުމަތީގައި ޖަހާފައިވާ ފޭލިގެތަކުގައެވެ.
ކަތުމަންޑޫ އާއި ނޭޕާލްގެ ބޮޑެތި ސިޓީތަކުގެ ޙާލަތު މިގޮތަށްހުރިއިރު ފަރުބަދަމަތީ ހިސާބުތަކުގައިވާ ވިލެޖްތަކުގެ މީހުންގެ ހާލަތުވަނީ ނޭނގުމެއްގެ ތެރޭގައެވެ. ގިނަ ވިލެޖްތަކާ ޓެލެފޯންގެ ގުޅުންތައް ކެނޑިފައިވާއިރު އެއްގަމުމަގުން އެތަންތަނަށް ދިޔުމަށް ބޭނުންކުރާ މަގުތަކާއި ބްރިޖްތައްވެސް ބިންހެލުންތަކުގައިވަނީ ހަލާކުވެފައެވެ.
މިއީ ފާއިތުވި 80 ވަރަކަށް އަހަރު ތެރޭގައި ނޭޕާލަށް އައި އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުންބޮޑު ކާރިސާ ކަމަށް އެގައުމުން ވަނީ ސިފަކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ނޭޕާލުގެ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު ތިން ހާހަށްވުރެ މައްޗަށް އަރާފައިވާއިރު އިންސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދު ވަނީ ހަތަރު މިލިޔަނަށްވުރެ މަތީގައެވެ. މީގެތެރޭގައި މިލިޔަނަކަށްވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ.
ދުނިޔޭގެ ގައުމުތަކުންވެސް ގެންދަނީ ނޭޕާލަށް އިންސާނީ އެހީގެ ތަކެއްޗާއި މީހުން ސަލާމަތް ކުރުމަށް ބޭނުންވާ ތަޖްރިބާކާރުންނާއި ސާމާނު ފޮނުވަމުންނެވެ. (ރޮއިޓާސް)