މަޖިލީހުގެ ރިޔާސަތުގެ ހުއްދަ ނެތި މަޖިލީހުގެ އިދާރީ މޭޒާއި ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސުން ބައެއް އުނި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

އާންމު ކޮމެޓީން ހުށަހެޅި ރިޕޯޓު މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިއަދުގެ ޖަލްސާގައި އެ ރިޕޯޓުގެ ބަހުސްގެ މަރުހަލާ ނިމިއްޖެނަމަ، އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމާމެދު ވޯޓަށް އަހާނެ އެވެ.

އާންމު ކޮމިޓީން އެ އިސްލާހު ފާސްކޮށް ތަޅުމަށް ހުށަހެޅީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާއެއް ނުވަތަ މަޖިލީހުގައި ވޯޓެއް ނަގަމުންދާ ވަގުތެއްގައި ރިޔާސަތުގެ ހުއްދަ ނެތި ރިޔާސަތުގެ މޭޒު ކައިރިއަށާއި މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ނުދެވޭނެ ކަމަށެވެ.

ހުއްދަ ނެތި ރިޔާސަތުގެ މޭޒު ކައިރިއަށާއި މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރެއްގެ އެ މަހުގެ ކޮމިޓީތަކުގެ ހާޒިރީއިން 55 ޕަސެންޓް އުނި ކުރާނެ ކަމަށާއި ކުރިއަށް އޮތް ތިން މަހު މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ މެމްބަރަކާ މެދު އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެ މެމްބަރަކު ހިންގި އަމަލަށް މައާފަށް އެދި ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރަކަށް އެދެވިދާނެ ކަމަށެވެ. އެފަދަ މެމްބަރަކާ މެދު ފިޔަވަޅެއް އެޅުމަށް ސުލޫކީ ކޮމިޓީން ނިންމައިފި ނަމަ އެ ނިންމުން ނިންމާތާ 10 ދުވަހުގެ ތެރޭގައި އެ ކޮމިޓީގެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދި އެ މައްސަލައެއް ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

"އެފަދަ އަމަލެއް މެމްބަރަކު ކުރިކަން ކޮމިޓީއަށް ސާބިތުވެފައި ވަނިކޮށް ދެ ވަނަ ފަހަރަށް އެފަދަ އަމަލެއް މެމްބަރަކު ތަކުރާރު ކޮށްފިނަމަ އެ މެމްބަރަކާ މެދު އެޅޭ ފިޔަވަޅުތައް ވެސް ތަކުރާރުވާނެ،" އިސްލާހުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މެމްބަރެއްގެ ނަން އިއްވުމަށްފަހު އެ މެމްބަރެއް މަޖިލީހުގެ ޖަލްސާ ދޫކޮށް ނުގޮސްފި ނަމަ އެ މެމްބަރެއްގެ އެ މަހެއްގެ ކޮމިޓީތަކުގެ ހާޒިރީން 55 ޕަސެންޓް އުނިކުރާނެ ކަމަށެވެ. އަދި ތިން މަސް ދުވަސް ވަންދެން މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 62،500 ރުފިޔާގެ މުސާރައިގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ކޮމިޓީ އެލަވަންސް ދެނީ ކޮމިޓީތަކުގެ ހާޒިރީން 75 ޕަސެންޓަށް ވުރެއް މަތިން ހޯއްދަވައިގެން ނެވެ.