އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގެ ފަހުން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް "ނުހުންނަވާނެ" ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވާނަމަ، އެ ދުވަހު އިމްރާން ވެސް ނުހުންނަވާނެ ކަމަށް އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ވިލިމާލޭގައި މިރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިހް އިމްރާން ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންނަށް އަނިޔާކުރުމަށް މެއި މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 ގެ ފަހުން ރައީސް ޔާމީން "ނުހުންނަވާނެ،" ކަމަށެވެ.

"ގާނޫނަކުން ދިވެހި ރައްޔިތުންނަށް އަނިޔާކުރާކަށް މެއި މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 ގެ ފަހަކަށް ރައީސް ޔާމީން ނުހުންނަވާނެ،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކުގައި އަޅުގަނޑުމެންގެ ފަހަތުގައި ދިވެހިރައްޔިތުންގެ 80 ޕަސެންޓު ރައްޔިތުން މި ތިބީ. އިރާދަކުރެއްވިއްޔާ މެއި 1، ގެ ރޭގަނޑު 9:00 ގައި އިރާދަކުރެއްވިއްޔާ އަނިޔާވެރިކަން ނިންމާނަން،"

ރައީސް ޔާމީން "ނުހުންނަވާނެ" ކަމަށް އެ ވިދާޅުވާ ބަސްފުޅުގެ ތަފްސީލެއް އިމްރާން ވިދާޅެއް ނުވެ އެވެ. "ނުހުންނަވާނެ" ކަމަށް ވިދާޅުވަނީ ރައީސްކަމުގައިތޯ ނުވަތަ އަވަހާރަކޮށްލުމުން ވެރިކަމުގައި ނުހުންނަވަނީ ކަމެއް އިމްރާންގެ ވާހަކަފުޅުން ދޭހައެއް ނުކުރެވެ އެވެ.

އިމްރާންގެ އެ ވާހަކަފުޅާ ގުޅިގެން މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ގައުމުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް އިމްރާން ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ހަމަނުޖެހުން އުފެއްދުމަށް ކަމަށެވެ.

"އެ ބޭފުޅުން އެ ވިދާޅުވާ މޭޑޭގައި [މެއި 1] ރޭގަނޑު 9:00 ޖަހާއިރު ރައީސް ޔާމީން ނުހުންނާނެ ކަމަށް އިމްރާން ވިދާޅުވާނަމަ، އެއީ އަޅުގަނޑުމެންގެ ފުރާނަ ގެންދަވާ ފަރާތްތައް ވުރެ ވެސް މަތީގައި އެ ހުރެވެނީ. ޝެއިހްއެއްގެ ގޮތުގައި ހުރެ މިކަހަލަ ވާހަކަ ދެއްކުމުން، ދީނުގެ ހުދޫދުތައް އޮޅިގެން މި ދަނީ،" ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

"މެއި އެއް ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ﷲ ގެ އިރާދަފުޅުން އެމަނިކުފާނު ސިއްހަތު ސަލާމަތުން ހުއްޓައި، އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލެވޭނެ އެއްވެސް މަންޒަރެއް މި ގައުމަކުން އިރާދަ ކުރެއްވިއްޔާ ނުދެއްކޭނެ. އެ ދުވަހު ރޭ 9 ޖަހާއިރު ރައީސް ޔާމީން ނުހުންނަވަންޏާ، އިމްރާނެއް ވެސް ނުހުންނަވާނެ،"

ވިލިމާލޭގައި މިރޭ ބޭއްވި އެއްވުމުގައި އިމްރާން އިތުރަށް ވިދާޅުވީ އަނިޔާވެރިކަމާ ނުލައި ވެރިކަން ނުކުރެވޭނަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ވެރިކަން ހަވާލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ނައިބު ރައީސަށް އިންސާފުވެރިކަމާއެކު ވެރިކަން ކުރެވޭކަމުގައިވާނަމަ "ކުރިއަށް ދެވޭނެ" ކަމަށް އިމްރާން ވިދާޅުވި އެވެ.

"މަނިކުފާނަށް [ރައީސް ޔާމީންއަށް] އަނިޔާވެރިކަމާއެކު ނޫން ގޮތަކަށް ވެރިކަން ކުރަން އެނގިވަޑައި ނުގަންނަވަންޏާ ޑރ. ޖަމީލާ ހަވާލު ކުރައްވާށޭ. އެއިރުން ދެން އަޅުގަނޑުމެން ބަލާނަން ޑރ. ޖަމީލަށް ވެސް އިންސާފުވެރިކަމާ އެކު ވެރިކަން ކުރެވޭތޯ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ. އާދެ އެހެންވީމަ ރައީސް ޔާމީން ނިންމަވަންވީ ކުރިއަށް މިއޮތް 118 ގަޑިއިރުގެ ތެރޭގައި އިންސާފާއެކު އަނިޔާވެރިކަމާ ނުލާތޯ ވެރިކަން ކުރައްވާނީ. ނުވަތަ އަނިޔާވެރިކަމާ އެކުގަތޯ ވެރިކަން ކުރައްވާނީ. އަމިއްލަފުޅަށް ރަނގަޅު ޑިޒިޝަނެއް ރަނގަޅު ނިންމުމެއް ނިންމަވާ،" އިމްރާން ވިދާޅުވި އެވެ.