24 Feb 2011, 13:03
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ކެލާގައި ބެހެއްޓި ވޯޓު ފޮށީގެ މައްސަލައިގައި ވެރިކަން ކުރާ އެމްޑީޕީން ދައުވާ ކުރާ މައްސަލައިގެ ތެރެއަށް މިއަދު އިދިކޮޅު ޑީއާރްޕީން ވަދެފި އެވެ.
އެމްޑީޕީގެ އިތުރުން، ކެލާ ރަށު ކައުންސިލް އިންތިހާބުގައި 10 ވަނަ އަށް ދިޔަ އެ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ހަލީލާއި އެ ރަށު ސަންރޭ، މޫސާ ޔާރިދް ދައުވާ ކުރާ މައްސަލައިގެ ތެރެއަށް ވަނުމަށް ފަހު ޑީއާރްޕީގެ ވަކީލު އިބްރާހިމް ތައުފީގް މިއަދު ވިދާޅުވީ ކޮންމެ އިންތިހާބެއްގައި ވެސް ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަކީ އެބައެއްގެ އިހްތިޔާރުގައިވާ ކަމެއް ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ކެލާގެ އެއްވެސް މީހަކަށް ވޯޓުލުމުގެ ހައްގަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް އިލެކްޝަންސް އިން ހިންގާފައިވާކަން އެނގެން ނެތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ކެލާގައި ނެގި ވޯޓާ މެދު ޝައްކު އުފެދޭނެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފް އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިގެން ކޯޓަށް އެ މައްސަލައެއް ވެއްދުމުގެ ފުރުސަތު އޮތްކަން ވަކީލު ފާހަގަ ކުރެއްވި އެވެ.
View Larger Map
މީގެ އިތުރުން ޑީއާރްޕީގެ ވަކީލު ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެދިފައިވާ ގޮތަށް ކެލާގައި ބޭއްވި އިންތިހާބު ކެންސަލްކޮށް އަލުން އިންތިހާބެއް ބާއްވައިފި ނަމަ، ކެލާ އިންތިހާބުގައި ވޯޓު ލީ މީހުންގެ ހައްގާއި އިންތިހާބު ކާމިޔާބުކޮށްފައިވާ ކެންޑިޑޭޓުންގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން އެ އިންތިހާބު ކެންސަލްކޮށް އަލުން އިންތިހާބެއް ބޭއްވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް ޑީއާރްޕީގެ ފަރާތުން ހައި ކޯޓުގައި އެދުނެވެ.
އެމްޑީޕީ އާއި ދައުވާ ކުރާ އަނެއް ދެ ބޭފުޅުންގެ ފަރާތުން ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ކެލާގެ އިންތިހާބުގައި 300 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ނުލެވި ގާނޫނު އަސާސީއާ ހިލާފަށް ވޯޓު ގުނާފައިވާ އިރު ޑީއާރްޕީން ދައްކާފައި އެ ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. ވަކީލު ވިދާޅުވީ ކެލާ އިންތިހާބުގައި މައްސަލަ ޖެހެން ދިމާވީ ވޯޓުލުމަށް ކިޔޫގައި ތިބި އެތައް ބަޔަކު ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނުން ހުރަސް އެޅުމުން ކަމަށެވެ. އަދި "ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓުގައި" އިލެކްޝަންސްގެ އޮފިޝަލު އާތިފާ އަތީފް ދީފައިވާ ބަޔާނުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ކިޔޫގައި ތިބި މީހުން ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިއުމަށް އެދުމުން އެކަމުގެ ހުއްދަ ވޯޓު ފޮއްޓާ ހަވާލުވެ ހުރި އިލެކްޝަންސްގެ އޮފިޝަލު ދީފައިނުވާ ކަމަށް އާތިފާގެ ބަޔާނުގައި ބުނެފައިވަ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ކެލާގައި ވޯޓުލުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން ރަނގަޅު، ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައިނުވާ ކަމަށެވެ. ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގަން ފެށުމުން ގާނޫނުގައިވާ ފަދައިން ވޯޓުލުމަށްޓަކައި އަމާން މާހައުލެއް އިލެކްޝަންސް އިން ގާއިމްކޮށްދީފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޯޓުލާ މަރުކަޒެއްގައި ވޯޓު ގުނުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނެފައި ވަނިކޮށް ކެލާގައި ބެހެއްޓި ވޯޓު ގުނާފައި ވަނީ އެހެން ރަށެއްގައި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެމްޑީޕީއަށް ރައްދު ދެއްވަމުން އިލެކްޝަންސްގެ ވަކީލު ހުސެއިން އާމިރު ވިދާޅުވީ އެ ކޮމިޝަނުން ކެލާގައި ވޯޓުލުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. ކެލާގައި ވޯޓުލުމަށް އެންމެ ފޮއްޓެއް ބަހައްޓާފައިވާ ހުރުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް ދައުވާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް އާބާދީ ބޮޑު ބައެއް އެހެން ރަށްރަށުގައި ވެސް އެންމެ ވޯޓު ފޮއްޓެއް ބަހައްޓައިގެން އަމާންކަމާ އެކު ވޯޓުލުން ކުރިއަށް ގޮސްފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
އިލެކްޝަންސްގެ ވަކީލު ވިދާޅުވީ ކެލާގައި މައްސަލަ ޖެހެންދިމާވީ ބަޔަކު ވޯޓުލުމަށް ބޭނުން ނުވި ހިސާބުން ކަމަށެވެ. ވަކީލު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ބޭނުންވީ ވޯޓުލުން ހުއްޓާލުމަށް ފަހު އެހެން އިރަކު ވޯޓުލުމަށް ކަމަށާއި ޑީއާރްޕީގެ ކެންޑިޑޭޓުން ބޭނުންވީ މެދުކަނޑާނުލާ ވޯޓުލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދު މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާ ވެސް ސުވާލުތަކެއް ކުރައްވައިފަ އެވެ. އެގޮތުން ބެންޗުން ކުރި ސުވާލެއްގެ ޖަވާބުގައި އިލެކްޝަންސްގެ ވަކީލު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ މިދިޔަ ދެ އިންތިހާބުގައި ވެސް ވޯޓު ފޮށި ބެހެއްޓި ތަނުގައި ކަމަށެވެ. އެއީ ޝެއިހު އިބްރާހިމް ސްކޫލް ކަމަށާއި އެތަން ހުންނާނީ ރަށުގެ މީހުން އުޅޭ ހިސާބު މެދުގައި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އިލެކްޝަންސް އިން އެހެން ބުނުމުން އެމްޑީޕީން ވަނީ އެކަމަށް އިއުތިރާޒުކޮށް އެ ވާހަކަ ދޮގު ކޮށްފަ އެވެ. އަދި އެމްޑީޕީގެ ވަކީލު ވިދާޅުވީ މިފަހަރު ވޯޓުލާފައި ވަނީ މީހުން އުޅޭ ހިސާބާ ދުރުގައި ހުރި މުޅިން އާ މަރުކަޒެއްގައި ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓުން ވޯޓުލުން ހުއްޓާލުމަށް ބޭނުންވި ކަމަށް އިލެކްޝަންސް އިން ބުނުމުން އެމްޑީޕީން އެކަން ވެސް ދޮގު ކުރި އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުން ބެއްލެވި އެ މައްސަލައިގެ ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދުގެ އަޑުއެހުން ނިންމާލެއްވީ، މައްސަލަ ދިރާސާ ކުރައްވާއިރު ކަމެއް ސާފު ކުރަންނުޖެހިއްޖެ ނަމަ ދެން ޝަރީއަތް ބާއްވާނީ ހުކުމް ކުރުމަށް ކަމަށެވެ. އަބްދުﷲ ހަމީދުގެ އިތުރުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަހުމަދު ޝަރީފް އަލީ އެވެ.