27 Apr 2015, 00:54
ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަގާމު ގެއްލިގެން ގޮސްފައި ވަނީ އިންވެސްޓަރުންނާއެކު އޮންނަންޖެހޭ ގުޅުން ރަނގަޅު ނުވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ކޯޕަރޭޓް ރެސިޑެންސް މޯލްޑިވްސް އިފްތިތާހު ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފޮރިން އިންވެސްޓުމަންޓުގެ ތާރީހަކީ "މާ އުފާވެރި މާޒީއެއް އޮތް ތާރީހެއް ނޫން" ކަމަށެވެ. އަދި ރާއްޖެއިން ވެސް ފޮރިން އިންވެސްޓުމަންޓާ ދޭތެރޭ ދެކެމުން ގޮސްފައި ވަނީ "ޝައްކާއި ތުހުމަތުގެ" ނަޒަރުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ފޮރިން އިންވެސްޓުމަންޓާ ދޭތެރޭ ރާއްޖެއިން ދެކުމުން އަންނަ ގޮތް ބަދަލު ކުރުމުގެ ގޮތުން ފޮރިން އިންވެސްޓުމަންޓުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.
ކޯޕަރޭޓް ރެސިޑެންސް ވިސާ ތައާރަފުކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ގާނޫނެއް އިސްލާހުކޮށްގެނޭ ކިއާފައި އަޅުގަނޑުމެންނަކަށް އޮބި ނޯންނަ ވަރަކަށް އިންވެސްޓަރުންނެއް އެކި ދިމަ ދިމާލަކުންނެއް ނާންނާނެ. ފޮރިން އިންވެސްޓުމަންޓަކީ އޭގެ ފުރަތަމަ ކަމަކީ އޭގެ ފުރުސަތު އެތަނުގައި އޮންނަ އޮތުމަށް ބިނާވެ އަންނަ އައުމެއް. ދެން ބޭފުޅެއްގެ ވާހަކައިގަ ފާހަގަ ކުރި ފަދައިން ރާއްޖެ ނޫން އެތަން މިތަން ދުނިޔޭގެ އެތަން މިތަނުގައި ފޮރިން އިންވެސްޓުމަންޓަށް ނޫނިއްޔާ އެތަނުގައި ހުރި ފުރުސަތުތައް އެކްސްޕްލޯ ކުރުމުގެ ހޯދުމުގެ ޖާގަ އެ ގައުމެއްގެ ދައުލަތަކުން ވެސް ވަނީ ހޯދާފައި. އެހެންވީމަ ކީއްވެގެންތޯ އައިހެވަންއަށް ޗައިނާ ކުންފުނިތަކާ އިންޑިއާގެ ކުންފުނިތަކާ އެމެރިކާ ނުވަތަ ސައުދީ އަރަބިއްޔާގެ ކުންފުނިތައް އަންނަންވީ. ސުވާލު އުފެދޭ އިންޑިއާ ނުވަތަ ލަންކާ އަށް ނުގޮސް މިތަންތަނަށް އަންނަންވީ ކީއްވެގެންކަން،" ރައީސް ވިދާޅުވި އެވެ.
ފޮރިން އިންވެސްޓުމަންޓާ މެދު މީގެކުރިން ދުނިޔެއިން ދެކެމުން އައި ގޮތް މާޒީވެގެން ހިނގައްޖެ ކަމަށާއި މިއަދުގެ ދުނިޔެއަކީ އިގްތިސާދީ ގޮތުން ބަވަނަ ވެފައިވާ ދުނިޔެއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ހަފްލާގައި ވިދާޅުވެފައި އެވެ. އެގޮތުން ރާއްޖެއަކީ ވެސް މިހާރު ފޮރިން އިންވެސްޓުމަންޓަށް މަރުހަބާ ކިޔާ ގައުމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު ފޮރިން އިންވެސްޓަރުންނަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަރުހަބާ ކިޔާ ކަމަށެވެ. ދުނިޔޭގެ މަޝްހޫރު ކުންފުންޏަކުން ވިއްކާ މުދަލެއް ގަތުމަށް އެ އެއްޗެއް ހުންނަ ގައުމަކަށް ނުވަތަ ތަނަކަށް މިއަދު ދާން ނުޖެހޭކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަމުން ދައްކުވައި ދެނީ މިއަދު ދުނިޔޭގެ އިގްތިސާދަކީ ބަވަނަ ވެފައިވާ ހިދުމަތަކަށް ވެގެން ދިއުން ކަމަށެވެ.
ކޯޕަރޭޓް ރެސިޑެންސް ވިސާ ތައާރަފުކުރުމަށް މިރޭ ބޭއްވި ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރައީސް ވިދާޅުވީ ކަނޑު ދަތުރުފަތުރު ކުރުމަށް އައިސްފައިވާ ފަސޭހައަކީ ވެސް ފޮރިން އިންވެސްޓަރުން ނުވަތަ ފޮރިން އިންވެސްޓުމަންޓުގެ ސަބަބުން އައިސްފައިވާ ފަސޭހައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޓުވަރިޒަމަށް އައިސްފައިވާ ބޮޑެތި އިންގިލާބީ ބަދަލުތައް އައިސްފައި މި ވަނީ ހަގީގަތުގައި ފޮރިން އިންވެސްޓަރުންގެ މަސައްކަތުން. ފޮރިން އިންވެސްޓަރުންގެ މަސައްކަތަކީ ހަގީގަތުގައި ރިސޯޓު އިމާރާތް ކުރުމެއް ނޫން. އެތަންތަން އިމާރާތް ކުރުމުގައި ކޯޗެއާ ހޯލްޑު ކުރުމުގެ ގޮތުގައި ދިވެހިންނާ ބިދޭސީ އިންވެސްޓަރުން އެބައުޅޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ނޭޕާލަށް އިއްޔެ ކުރިމަތިވި ބިން ހެލުމުގެ ސަބަބުން ނޭޕާލަށް ލިބިފައިވާ ގެއްލުންތަކުން އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އުފާވެރިކަމާ ހިތްހަމަ ޖެހުމުގެ ވަގުތުތަކުގައި ވެސް ހިތާމައާ ނާއުއްމީދުގެ ވަގުތައް ކުރިމަތިވާ ކަމަށާއި އެއީ ދުނިޔޭގެ ތަބީއަތް ކަމަށެވެ.