އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލްގެ އެއް ވައިގައި އޮތް ޗެލްސީއިން ތިން ވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ނަތީޖާއެއް ނުނެރެވި އެއްވަރު ވެއްޖެ އެވެ.

އެ މެޗުން އެއްވަރުވުމުން ޕޮއިންޓްގެ ގޮތުން ބޮޑު ފަރަގެއް ލިބެން އޮތް ނަމަވެސް ރޭގެ މެޗުން ޗެލްސީއަށް ވަނީ އެކަން ހާސިލް ނުވެފައެވެ. ނަމަވެސް އެ ޓީމު ވަނީ ދަމަހައްޓަމުން އައި 10 ޕޮއިންޓްގެ ބޮޑު ފަރަގުގައި ހިފަހައްޓާފަ އެވެ.

ރޭ ޗެލްސީއާ އާސެނަލް ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޗެލްސީ އެއް ވަނައިގައި އޮތީ 77 ޕޮއިންޓާއެކުއެވެ. އެޓީމްގެ ފަހަތުން ދެ ވައިގައި އޮތް މެންސިޓީއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ.

އާސެނަލްގެ މައްޗަށް ކުރި ހޯދުނު ނަމަ، ބުދަ ދުވަހު ލެސްޓާ ސިޓީއާދެކޮޅަށް ކުޅޭ މެޗުން ލީގު ޗެލްސީއަށް ކަށަވަރު ވެގެންދާނެއެވެ.

ރޭ ޗެލްސީއާ އާސެނަލް ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ އޭޕީ

ނަމަވެސް މިހާރު އެޓީމަށް ލީގު ކަށަވަރު ވެގެންދާނީ އަންނަ ބުދަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާއި އަންނަ ހަފުތާގެ އާދިއްތަ ދުވަހު އަމިއްލަ ދަނޑު ސްޓެމްފޯޑްބުރިޖްގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުން މޮޅުވެގެންނެވެ.

މި މެޗުން އާސެނަލް މޮޅުވިނަމަ ތާވަލްގެ ދެ ވަނައަށް އެރުމުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެ އެވެ.

ރޭ ޗެލްސީއާ އާސެނަލް ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭގެ މެޗްގައި އާސެނަލް އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ދަނޑުގައި މެޗް ބަލަން ތިބި އާސެނަލްގެ ސަޕޯޓަރުން ވަނީ އެޓީމަށް ފާޑުކިޔާފަ އެވެ.