27 Apr 2015, 00:27
އެތައް އަހަރުތަކެއް ވެންދެން ރާއްޖޭގައި އިންވެސްޓުނުކޮށް ތިބި ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖޭގައި އިންވެސްޓް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ބޭރުގެ އިންވެސްޓަރުންނަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖެއަށް އިންވެސްޓުކުރަން ފެށި ފަރާތްތަކުގެ ތެރޭގައި އަށް އަހަރުވަންދެން ރާއްޖޭގައި އިންވެސްޓުކުރަން ފަސްޖެހިފައި ތިބި ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.
"ހަތް އަހަރު އަށް އަހަރު ދިވެހި ރާއްޖޭގައި އިންވެސްޓްކޮށްފައި، ހަތް އަހަރު އަށް އަހަރު އިންވެސްޓް ނުކޮށް ތިބި ފަރާތްތަކުންވެސް ގާތްގަނޑަކަށް މިސަރުކާރު އައުމަށްފަހު މިހާރު މިދަނީ އިންވެސްޓް ކުރެވެމުން،" މިނިސްޓަރު އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ މި ސަރުކާރުން ޑިއުޓީ މާފުކޮށްދިނުމާއެކު މިހާތަނަށް 16 ރިސޯޓެއް އަލަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒު ކަމުގައިވާ 50 ރިސޯޓު ހުޅުވުމުގެ ޓާގެޓަށް ދިއުމަށްޓަކައި ރައީސް ޔާމީނާއި އިކްނޮމިކް ކައުންސިލްގެ އިރުޝާދުގެ ދަށުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު އަދީބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކޮށްފައި ތިބީ ވަރަށް ދުރު ވިސްނޭ ޓޫރިޒަމަށް ލޯބި ކުރާ ބައެއް ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި އަދީބު ވަނީ ރާއްޖޭގައި އިންވެސްޓުކުރަން އައުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން މިސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.