ރާއްޖޭގައި އިންވެސްޓްކުރަމުންދާ ފަރާތްތަކަށް ދާއިމީކޮށް ރާއްޖޭގައި ތިބެވޭނެ ގޮތަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފް ކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ލޯންޗް ކޮށްދެއްވީ ރައީސްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އިމިގުރޭޝަނުން ބުނި ގޮތުގައި އެ ވިސާއަކީ ރާއްޖޭގައި 50 މިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓްކުރަމުންދާ ނުވަތަ ރިއަލް އެސްޓޭޓް ދާއިރާގައި އެއް މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާ ނުވަތަ ރާއްޖޭގެ ބެންކެއްގައި އެއް މިލިއަނަށް ވުރެ ބޮޑު އަދަދެއް ބަހައްޓާ ފަރާތްތަކަށް ދޭ ވިސާއެކެވެ.

އެ ވިސާ ލިބޭ ފަރާތްތަކަށް ޑިއުޓީ މާފްކޮށް ބައެއް ތަކެތި ގެނައުމުގެ ފުރުސަތާއި ދާއިމީ ވިސާއެއްގައި ރާއްޖޭގައި ތިބުމުގެ ފުރުސަތު ލިބިގެންދެ އެވެ. ހަމައެހެންމެ ސަރުކާރު އިދާރާތަކުން ފަސޭހަ ކަމާއެކު ހިދުމަތް ލިބުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އެ ވިސާގެ މަގުސަދަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ. އެ ވިސާގެ ސަބަބުން ރާއްޖެއަށް އައުމަށް ބޭނުންވާ އިންވެސްޓަރުންނަށް ފަސޭހަ މަގުތަކެއް ހުޅުވިގެން ދާނެ ކަމަށްވެސް އަދީބް ވިދާޅުވިއެވެ.

"މިފަދަ ބޮޑެތި އިންވެސްޓް މަންޓު ކޮށްފައިވާ ފަރާތްތަކުން އައިސް އަޅޫގަނޑުމެންގެ އާމް ކިޔޫތަކުގައިޖެހި މާގިނައިން ދިވެހި ރާއްޖެ އަރާތީ.. އެފަދަ ފަރާތްތަކަށް ވަރަށް ދަތި އުނދަގޫތައްވެފައި އެބަހުރި،" އަދީބް ވިދާޅުވިއެވެ.

މިރޭ ރައީސް ޖުމްހޫރިއްޔާ ވަނީ އެވިސާ ލިބޭ ކުންފުނިތަކަށް ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ދިރާގާއި ޓީއެމްއޭގެ އިތުރުން އެޗްޑީއެފްސީ އާއި ހިޓާޗީގެ އިތުރުން މޮރިޝަސް ބޭންކެވެ.