26 Apr 2015, 21:39
އިއްޔެ ނޭޕާލަށް އައި ވަރަށް ވުރެ ބާރުގަދަ ބިންހެލުމެއް އިންޑިއާއަށް އަންނާނެ ކަމަށް ބުނެ އިންޒާރުދޭ މެސެޖްތަކެއް އިންޑިއާގައި ދައުރުވަމުން ދާތީ އިންޑިއާ ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.
އިންޑިއާގައި ފެތުރެމުން ދިޔަ މެސެޖްގައި ބުނެފައި ވަނީ "ދެން އަންނާނީ ރިކްޓާ މިންގަނޑުން 8.2 ގެ ބާރު މިނުގެ ބިންހެލުމެއް ކަމަށާއި އެ ބިންހެލުން އަންނާނީ އުތުރު އިންޑިއާއަށް ކަމަށް އެމެރިކާގެ ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޖެންސީ (ނާސާ) އިން ބުނެފައިވާ" ކަމަށެވެ.
މޯބައިލް ފޯނުތަކަށް އެމެސެޖް އަންނަމުންދާތީ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް އެކަން އޮޅުން ފިލުވައި ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ބުނެފައި ވަނީ ނާސާއަށް ބިންހެލުމެއް ކުރިން ލަފާ ކުރަން ނޭނގޭނެ ކަމަށެވެ.
"...އެއީ ދޮގުވާހަކައެއް. ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޖެންސީ (ނާސާ) އަށް ބިންހެލުމެއް ކުރިއަކަށް ލަފައެއް ނުކުރެވޭނެ. އެކަހަލަ މެސެޖްތައް ފޮނުވުމުގެ ބޭނުމަކީ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުން،" އިންޑިއާ ސަރުކާރުގެ ފަރާތުން އެންޑީޓީވީއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އެފަދަ މެސެޖްތަކަށް ފަރުވާލެއް ނުބެހެއްޓުމަށް އިންޑިއާ ސަރުކާރުން ވަނީ ގޮވާލާފައެވެ.
ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި ނޭޕާލަށް އިއްޔެ އައި ބިންހެލުމުގައި އެގައުމުން 1900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ބިންހެލުމުގެ އަސަރު އިންޑިއާއަށް ވެސް ކޮށް، އެގައުމުން ވެސް 34 މީހުން މަރުވިއެވެ.