ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.

ޚިޔާނާތުގެ ދައުވާ، އަލްގީންގެ މައްޗަށް އުފުލާފައި ވަނީ ޖަޕާނުގެ އެޖެންސީއެއް ކަމަށްވާ ޖަޕާން އެޖެންސީ ފޮ މެރިން އާތު ސައިންސް އެންޑް ޓެކްނޮލޮޖީ (ޖެމްސްޓެކް)އާއި ޑިޕާޓްމަންޓު އޮފް މީޓިއޮރޮލޮޖީ ގުޅިގެން ރާއްޖޭގައި މޫސުމާ ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް، އެއްބަސްވުމާ ޚިލާފަށް އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބެންޖެހޭ ފައިސާ އަލްގީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާތީ ކަމަށް ބުނެ އެވެ.

ގިނަ ދުވަސްތަކަށްފަހު ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް ފައްޓަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ، އެ މައްސަލަ ކުރިން ބަލަން ހަމަޖެހިފައި އޮތީ އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ރިޔާސަތު ބަލަހައްޓަވާގޮތަށް ކަމަށެވެ.

އެހެންނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާ ސަސްޕެންޑުކުރި ހިސާބުން އެ މައްސަލަ އޮތީ ހުއްޓިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފު މައްސަލަ ޝަރީއަތަށް އިއްވާފަ އެވެ.

ދައުލަތުގެ ވަކީލާ ސަފާ އިބްރާހީމް ވިދާޅުވީ، ޖެމްސްޓެކާ އެކު ކުރެވުނު އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ އަކީ ސަރުކާރުގެ ފައިސާ ކަމަށާއި، ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުނުވާ ކަމަށް ނިންމިއިރު އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

ޖެމްސްޓެކުން ދިން 2.2 މިލިއަނަށް ވުރެ ގިނަ ފައިސާ ޚަރަދުކުރިގޮތް އަލްގީނަށް ދެއްކިފައިނުވާއިރު، އެފައިސާ މެޓު އޮފީހަށް ވަދެފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިހާރު އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ މަގާމުގައި ހުންނެވި އަލްގީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ޖެމްސްޓެކުން ފޮނުވި ފައިސާއަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި އެމީހުން ކުރާ މަސައްކަތުގައި ބޭނުންކުރަން ފޮނުވި ފައިސާތަކެއް ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ނެރުނު އޮޑިޓް ރިޕޯޓުން ވެސް އަދި އޭރުގެ އެންޓި ކޮޕަރްޝަން ބޯޑުގެ ތަހުގީގުން ވެސް އެ ފައިސާ އަކީ ސަރުކާރުގެ ފައިސާކަން އެނގެން ނެތް ކަމަށް ވެސް އަލްގީން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ، ޖެމްސްޓެކާ އެކު މީޓިއޮރޮލޮޖީން ވެފައިވާ އެއްބަސްވުމުގައިވާގޮތުން އެ ފައިސާ ވަންނަންޖެހޭނީ ސަރުކާރަށް ކަމަށެވެ. އެ މައްސަލައިގައި އަލްގީން އަމަލުކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.