26 Apr 2015, 16:19
އިރާގުގެ ވެރިރަށް ބަޣުދާދާއި އެހެން ބައެއް ޝަހަރުތަކުގައި ފެންބޮޑުވިޔަ ނުދިނުމަށް ހަދާފައިވާ ތަރްތާރު ޑޭމް އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ހަނގުރާމަވެރީން ހިފައިފިއެވެ.
ރޮއިޓާސް ބުނީ އިރާގުގެ އަންބާރު ޕްރޮވިންސްގައި އިރާގު ސިފައިންނާ ކުރި ހަނގުރާމައިގައި އައިއެސްއިން ތަރްތާރު ޑޭމްއާއި އިރާގު ސިފައިންގެ މަރުކަޒެއް ހިފާފައިވާ ކަމަށެވެ.
އަންބާރު ޕްރޮވިންޝަލް ކައުންސިލްގެ މެމްބަރެއްކަމަށްވާ އަތަލް އަލް ފަހްދާވީއާ ހަވާލާދީ، ރޮއިޓާސް ޖެންސީން ބުނީ ޑޭމާއި ސިފައިންގެ މަރުކަޒު ހިފުމަށް އައިއެސްއިން ދިން ހަމަލާތަކުގައި އިރާގު ސިފައިންގެ އެތައް ބަޔަކު މަރުވި ކަމަށެވެ. ނަމަވެސް އެސަރަހައްދުން މައުލޫމާތު ހޯދަން ދަތިކަމުން، މަރުވިމީހުންގެ ސީދާ އަދަދެއް އަދި ނޭނގޭ ކަމަށް ފަހްދާވީ ވަނީ ބުނެފައެވެ.
އައިއެސްއިން ބުނެފައި ވަނީ ތަރްތާރު ޑޭމް ހިފުމަށް ކުރި ހަނގުރާމައިގައި އިރާގު ސިފައިންގެ 140 މީހުން މަރާލާފައިވާނެ ކަމަށެވެ.
އިރާގުގެ އަންބާރުގެ ބޮޑުބައެއް އައިއެސް އިން ހިފާފައިވާއިރު އެ ޕްރޮވިންސްގެ ވެރިރަށް ރަމާދީ ހިފުމަށް އެމީހުން ދަނީ ހަނގުރާމަކުރަމުންނެވެ.