ސައިކަލުގެ މަޑިދަށުން ވައްކަންކުރާ މައްސަލަތައް މިދުވަސްވަރު އިތުރުވަމުން ދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ، ވައްކަން ކުރުން އިތުރުވެފައިވަނީ މާލޭގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ތަކުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް އަމާޒުކޮށްގެން ވައްކަންކުރާ މީހުން ދަނީ، އެ ހިސާބުގައި އެކި ހަރަކާތްތަކުގައި ޝާމިލުވެއުޅޭ ފަރާތްތަކުގެ ސައިކަލުތަކުގެ މަޑިދަށުގައި ރައްކާކޮށްފައި ހުންނަ ތަކެތި ވަގަށް ނަގަމުން ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން މިދިޔަ ހަފްތާ ބަންދުތެރޭ އެފަދަ ހަތް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ފަހަކަށް އައިސް ދުވާލަކު ދޭއް ނުވަތަ ތިން މައްސަލަ ހުށަހަޅާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަތަކުގެ ތެރޭގައި ގިނަ އަދަދުތަކުން ފައިސާ ވަގަށްނެގުމާއި މޮބައިލްފޯނު ވަގަށް ނެގުމުގެ އިތުރުން އެހެނިހެން ތަކެތި ގެއްލުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.

ސައިކަލުގެ މަޑިދަށުގައި މޯބައިލް ފޯނާއި ޓެބްލެޓްފަދަ ތަކެއްޗާއި ފައިސާ އާއި ގަހަނާ އަދި މިނޫން ވެސް އަގުބޮޑު ތަކެތި ނުބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޅިވަރު ކުޅުމަށާއި މޫދަށް އެރުންފަދަ ކަމެއް ކުރަން ދާއިރު ކޮންމެހެން ގެންދަންޖެހޭ ތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ފުލުހުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސައިކަލު މަޑި ދަށުގައި ކޭޝް ކާޑާއެކު ޕިން ނަމްބަރު ވޮލެޓަށް ނުވަތަ އެހެން ވެސް އެއްޗެއްގައި ނުވަތަ ތަނެއްގައި ބާއްވާފައި އޮތުމުގެ ސަބަބުން ވަގުތުގެ ފައިދާނަގައި، އެތަކެތި ނާޖާއިޒްގޮތުގައި ބޭނުންކުރާ މައްސަލަވެސް މަދުން ނަމަވެސް ހުށަހަޅާ ކަމަށް ފުލުހުން ބުނެ އެވެ.