24 Feb 2011, 12:16
ކްރިކެޓް ވޯލްޑް ކަޕުގައި ވާދަ ކުރާ ޕާކިސްތާނުގެ ޒުވާން އުކުންތެރިންނަށް އެ ގައުމުގެ ކުރީގެ ކެޕްޓަން ވަސީމް އަކުރަމް އެހީތެރިވެދޭން ނިންމައިފި އެވެ.
ވަސީމް އަކުރަމަކީ ވޯލްޑް ކަޕުގެ އެންމެ ގިނަ ވިކެޓް ނެގި އުކުންތެރިޔާގެ މަގާމު ހޯދާފައިވާ އަދި ވާތުން އުކުމުގައ ދުނިޔެދުށް އެންމެ މޮޅު އުކުންތެރިޔާ އެވެ.
މި ވަގުތު ޓީވީ ކޮމެންޓޭޓަރަކަށާއި އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ވަސީމް ބުނީ ޒުވާން ދެ އުކުންތެރިން ކަމަށްވާ ޖުނައިދު ޚާން އާއި ވައްހާބު ރާއިޒަށް ފަރިތަކޮށްދޭނެ އޭނާގެ ކިބައިން އެދުނީ ޓީމުގެ ކޯޗު ވަގާރު ޔޫނިސް އާއި ކެޕްޓަން ޝާހިދު އަފްރީދީ ކަމަށެވެ.
'އަހަރެން އިންޑިޔާގެ ކުޅުންތެރިންނަށް އެހީތެރިވެދިނުމަކީ ރަނގަޅު ކަމަކަށްނުވާނެ. ޕާކިސްތާނުން އެދުމުން ޒުވާން ކުޅުންތެރިންނަށް އެހީތެރިވެދޭން އަހަރެން ނިންމީ ލަންކާގައި ހުންނައިރު އަހަންނަށް ވަރަށް ގިނަ ހުސްވަގުތު ލިބެތީވެ. މިއީ އަހަރެން ވަރަށް ލޯބިވާ ކަމެއް،" ވޯލްޑް ކަޕުގެ ބައެއް މެޗުތައް އެނަލައިޒް ކުރުމަށް ލަންކާގައި ހުރި ވަސީމް ބުންޏެވެ.
ވަސީމް ވަނީ ޕާކިސްތާނުގެ ޓީމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ޕާކިސްތާނުގައި މޮޅު އުކުންތެރިންނާއި އޯލްރައުންޑަރުން އެބަތިބި ކަމަށާއި ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމަށެވެ. އަދި އޭނާއާއެކު ވެސް ކުޅުނު ތަޖުރިބާކާރު އުކުންތެރިޔާ ޝުއައިބް އަހްތަރަކީ މެޗު އަނބުރާލެވިދާނެ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފަރާތުން މޮޅު ކުޅުމަކަށް އުއްމީދު ކުރާ ކަމަށެވެ.