ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ދިރިއުޅުއްވާ ގެކޮޅުގެ ހަރުމުދާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ނެރުނު 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތުގެ ތަންތަނަށް ގަންނަ ނުވަތަ ހަދިޔާގެ ގޮތުގައި ލިބޭ ހުރިހާ މުދަލެއްގެ ދަފްތަރެއް ބަލަހައްޓަން ޖެހޭނެ އެވެ.

އަދި އެ ދަފްތަރުގައި ކޯޑު ނަންބަރާއި މުދަލުގެ ފުރިހަމަ ނަމާއި ތަފްސީލާއި މުދާ ހުރިތަނުގެ އިތުރުން މުދާ ލިބުނު ތާރީހެއް އެނގެން ޖެހޭނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އާއި އަދި ނައިބު ރައީސްގެ ރަސްމީ ގޭގެ ހަރުމުދަލުގެ ދަފްތަރު މި ދެންނެވި އުސޫލާ މުޅިން އެއްގޮތަށް ބަލަހައްޓާފައެއް ނުވެ އެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ބެލުމުގެ ދަށުގައިވާ ބައެއް ހަރުމުދާ އަގު ކުރެވިފައި ނުވުމާއި ހަރުމުދަލަށް ކޯޑު ނަންބަރެއް ދެއްވާފައި ވަނީ މާލިއްޔަތު ގަވާއިދާ ހަވާލާދީ އެނެކްސް 22ގައި ބަޔާންކޮށްފައިވާ ހަރުމުދަލަށް ކޯޑު ނަންބަރު ދޭން ޖެހޭ ގޮތުގެ ނަމޫނާއާ ތަފާތުކޮށް ކަމާއި އަދި ހަރުމުދާ އެއްތަނުން އަނެއް ތަނަށް ބަދަލު ކުރައްވާ އިރު މި ބަދަލުތައް ބައެއް ފަހަރު ފުރިހަމަކުރައްވާފައި ނުވެ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން މާލީ ބަޔާންތަކުގައި ހިމެނިފައިވާ އެ ބަޔާންތައް ތައްޔާރު ކުރުމުގެ އަސާސްތައް އިޕްސަސް "ފައިނޭންޝިއަލް ރިޕޯޓިން އަންޑާ ދި ކޭޝް ބޭސިސް އޮފް އެކައުންޓިން" އާ އެއްގޮތަށް އިސްލާހުކޮށް އެ އަސާސްތަކާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އޮޑިޓު ރިޕޯޓުގައި މި ދެ މައްސަލަ ނޫން އިތުރު މައްސަލައެއް ތިލަ ކުރައްވާފައެއް ނުވެ އެވެ. އެހެންކަމުން އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2013 ވަނަ އަހަރު ރައީސް އޮފީހުން ހަރަދު ކޮށްފައި ވަނީ ބަޖެޓުގެ މަގްސަދު ހާސިލުވާ ގޮތަށް ކަމަށެވެ.