ޖަކާޓާ (އެޕްރީލް 26): އެކިބާވަތުގެ ބޮޑެތި ކުށްތައްކޮށްގެން އިންޑޮނީޝިއާގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ތިން މީހުންގެ މައްޗަށް ކުރިޔަށްއޮތް 72 ގަޑީއިރު ތެރޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަން އެގައުމުން ހާމަކޮށްފިއެވެ.

އިންޑޮނީޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އަރަމަނަންތާ ނާސިރު ވިދާޅުވީ، މަރަން ހުކުމްކޮށްފައި ތިބި މީހުންގެ ތެރެއިން ތިން މީހުންގެ މައްޗަށް ކުރިޔަށްއޮތް 72 ގަޑީއިރު ތެރޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަން އެމީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކަށް އަންގާފައިވާނެ ކަމުގައެވެ.

މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބެލެވޭ ތިންމީހުންގެ ތެރެއިން ދެމީހުންނަކީ އޮސްޓްރޭލިޔާގެ ދެ ފިރިހެނުންނެވެ. ތިންވަނަމީހާއަކީ ފިލިޕީންސްގެ ޒުވާން އަންހެނެކެވެ. މި ތިންމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަނީ ޖަކާޓާގެ މަރުކަޒީ ޖަލުކަމަށްވާ ނުސާ ކަންބަންގަން ޖަލުގައި ބަޑިޖަހަގައިގެން ކަމަށްވެއެވެ.

މަރަން ހުކުމްކޮށްފައި ތިބި ބޭރުމީހުންގެ މީހުންގެ ތެރޭގައި އޮސްޓްރޭލިއާ، ބްރެޒިލް، ނައިޖީރިއާ، ފިލިޕީންސް މީހުން ވެސް ހިމެނޭއިރު މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އެދި އިންޑޮނީޝިޔާ ސަރުކާރަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދަނީ އެގައުމުގެ އަވަށްޓެރި އޮސްޓްރޭލިޔާއިންނެވެ.

އިންޑޮނީޝިއާ އަކީ މަސްތުވާތަކެތި އެތެރެކުރާމީހުންނަށާއި އޭގެ ވިޔަފާރި ކުރާމީހުންނަށް މަރުގެ އަދަބު ދޭ ގައުމެކެވެ. މިދިޔަ ޖެނުއަރީ މަހުވެސް އެގައުމުންވަނީ މަސްތުވާތަކެތި އެތެރެކުރި ހަ މީހެއްގެ މައްޗަށް މަރުގެ އަދަބު ދީފައެވެ. އިންޑޮނީޝިއާގައި މަރުގެ ހުކުމް ތަންފީޒު ކުރަނީ ބަޑިޖަހައިގެންނެވެ.

ކުރިއަށްއޮތް 72 ގަޑިއިރު ތެރޭގައި ބައެއްމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރާނެކަން އިންޑޮނީޝިއާ ސަރުކާރުން އިޢްލާންކުރުމުން އޮސްޓްރޭލިޔާއާއި ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ގައުމުތަކުގެ އިތުރުން އދ.ން ވެސްވަނީ ކަންބޮޑުވާކަން ހާމަކޮށް އެކަން ނުކުރުމަށް އިންޑޮނީޝިއާ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ނަމަވެސް އަރަމަނަންތާ ނާސިރު ވިދާޅުވީ، އިންޑޮނީޝިއާގެ ކޯޓުތަކުން ކުރާ އަމުރެއް ތަންފީޒު ނުކުރުމަށް އެއްވެސް ގައުމަކަށް ނުއެންގޭނެ ކަމަށާއި އެފަދަ ކަމަކަށް ކުރާ އިލްތިމާސެއް އަދި ފާޑުކިޔުމެއްވެސް އިންޑޮނީޝިއާ ސަރުކާރުން ގަބޫލުނުކުރާނެ ކަމުގައެވެ.

ނާސިރު ވިދާޅުވީ، އިންޑޮނީޝިއާގެ ދެ މީހެއްގެ މައްޗަށް ސައުދީ އަރަބިއާގައި ދާދި ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވާއިރު އެކަން ހުއްޓުވުމަށް އޭނާގެ ގައުމުން ކުރި އިލްތިމާސްތަކަށް ސައޫދީ ސަރުކާރުންވެސް އިޖާބަ ދީފައިނުވާ ކަމުގައެވެ. ވީމާ، އިންޑޮނީޝިއާގައި މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތްތަކަށް އެހުކުމް ތަންފީޒުކުރުމުގެ ހައްގު އެގައުމަށްވެސް ލިބިގެންވާ ކަމަށާއި ބަޔަކު ކުރާ އިލްތިމާސަކުން އިންޑޮނީޝިއާގެ ދައުލަތުގެ ނިންމުންތައް އަނެއްކޮޅަށް ޖަހަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. (ރޮއިޓާސް)