26 Apr 2015, 16:02
ދަނޑުވެރިކަމަކީ ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހެދުމުގެ މަގްސަދުގައި ޅ. ކުރެންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފައްޓައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޕްރޮގްރާމްއެ ރަށުގައި ފެއްޓީ މިދިޔަ ހަތްފާގެ އާދީއްތަ ދުވަހު ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ 10 ދުވަހަށް ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ކުރެންދޫގައި ހިންގާ އެ ޕްރޮގްރާމްގައި ގޯތި ތެރޭގައި ވެސް ގަސް އިންދައިގެން އޭގެން ނަފާހޯދޭނެ ގޮތްތަށް ދަސްކޮށްދޭ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި ފެނުގައި ގަސްއިންދައި ހައްދާނެ ގޮތުގެ ތަމްރީންތައް ބައިވެރިންނަށްދޭ ކަމަށް ބުންޏެވެ. އެ ކޯހުގައި 18 އަންހެނުންނާއި 11 ފިރިހެނުން އަމަލީގޮތުން ބައިވެރިވެ، ތަމްރީނު ހޯދަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ގޯތިތެރޭގައި ނުވަތަ ކުދި ބިންކޮޅުތަކުގައި ގަސްއިންދައިގެން އޭގޭން ނަފާ ހޯދުމަށާއި ރައްޔިތުންނަށް ރަނގަޅު ކާނާގެ ޔަގީންކަން އިތުރުވުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.