26 Apr 2015, 15:22
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ބޮޑުވަމުން އަންނަ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
ޑަބްލިއުއެމްއޯއާއި ރީޖަނަލް އިންޓަގްރޭޓެޑް މަލްޓި ހެޒާޑް އާލީ ވޯނިން ސިސްޓަމް (ރައިމްސް)ގެ އެހީގައި މިއަދާއި މާދަމާ ބާއްވާ މޫސުމާ ބެހޭ ގައުމީ ބައްދަލުވުން ފެށުމަށް ޝީބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ރައްޔިތުންނަށް އެމައުލޫމާތު ދޭން ޖެހޭ ކަމަށެވެ.
"...ކްލައިމެޓް ޗޭންޖްގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް މިދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން. އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ކްލައިމެޓް ޗޭންޖްގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަނެ، އަދި ރައްޔިތުންނަށް މިމައުލޫމާތު ފޯރުކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ.
މޫސުމާ ބެހޭ މައުލޫމާތު މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
"... ގިނަ މީޑިއާއަތަކެއް ހާއްސަކޮށް ޓީވީތައް ރާއްޖޭގައި ހުންނާތީ އެބޭފުޅުންނަށް އަޅުގަނޑު ގޮވައިލަން ވީހާ ވެސް ބޮޑަކަށް ދުވަހުން ދުވަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ފެށި ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް ޑަބްލިއެމްއޯއާއި ރައިމްސްގެ މާހިރުން ބައިވެރިވެވަޑައިގެންނެވި އެވެ.