ތަރިކައަށް ހޭލުންތެރި ކުރުވުމުގެ ގޮތުން "ތަރިކައަށް ހޭލާ" މި ނަމުގައި ޑިޕާޓްމަންޓު އޮފް ހެރިޓޭޖުގެ ފަރާތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ޑިޕާޓުމަންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މަސައްކަތުގެ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ތަރިކައަށް ހޭލުންތެރި، ތަރިކައަށް ލޯބިކުރާ އަދި ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމަށް އަތޮޅުތަކުގައި މަސައްކަތް ކުރާ ބަޔަކު ތަމްރީނު ކުރުން ކަމަށެވެ.

އަދި ބުނެފައި ވަނީ އެ ބައްދަލުވުމުގެ ތެރެއިން ލިބިގެންދާ މައުލޫމާތުގެ އަލީގައި ތަރިކައާ މެދު މިހާރަށް ވުރެ ބޮޑަށް ސަމާލުވެ ރައްކާތެރިވާނެ ގޮތްތަކާއި ތަރިކައާ މެދު އަމަލުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތައް އަތޮޅުތަކުގެ ރައްޔިތުންނަށް ރަނގަޅު ގޮތުގައި އޮޅުންފިލުވައިދޭނެ ބަޔަކު އުފެއްދުން ކަމަށެވެ.

ތަރިކައަށް ހޭލުންތެރިވުމުގެ ގޮތުން ބޭއްވި މަސައްކަތުގެ ބައްދަލުވުން-- ފޮޓޯ/ ހެރިޓޭޖު ޑިޕާޓުމަންޓު

"މި މަސައްކަތު ބައްދަލުވުމުގައި ބައިވެރި ވަނީ ރާއްޖޭގެ ކޮންމެ އަތޮޅު ކައުންސިލެއްގެ ކައުންސިލު އިދާރާގައި މަސައްކަތް ކުރައްވާ ސިވިލް ސާވިސް މުވައްޒަފަކާއި ޑިޕާޓުމަންޓް އޮފް ހެރިޓޭޖުން ކުރިއަށް ގެންދާ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަގުތީ ލިސްޓުގައި ހިމެނިފައިވާ މިސްކިތްތައް ހުރި ރަށްރަށުގެ ރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ ސިވިލް ސާވިސް މުވައްޒަފުންނެވެ،" ހެރިޓޭޖު ޑިޕާޓުމަންޓުގެ ބަޔާނުގައިވެ އެވެ.

ހެރިޓޭޖު ޑިޕާޓުމަންޓުން ބުނީ އެ މަސައްކަތުގެ ބައްދަލުވުމުގައި ތަރިކަ ދެނެގަންނާނެ ގޮތާއި އާސާރި ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އާސާރީ ތަންތަނުގެ ޑޮކިއުމަންޓޭޝަން ތައްޔާރު ކުރާނެ ގޮތް އަންގައި ދެވޭނެ ކަމަށެވެ. އަދި އެ ޑިޕާޓުމަންޓުން ޑްރާފްޓު ކޮށްފައިވާ ތަރިކަ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.