ލޯފަން ކުދިން ކިޔަވަން ހާއްސަކޮށްފައިވާ މުސްހަފެއް ރާއްޖެއަށް ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލޯފަން ކުދިންނަށް ހާއްސަކޮށްފައިވާ ޤުރުއާން ރާއްޖެއަށް ގެނެސްފައިވަނީ ޖޯޑަން އިން ކަމަށެވެ.

ލޯފަން ކުދިންނަށް ހާއްސަކޮށްގެން ރާއްޖެއަށް ގެނައި މުސްހަފު -- ފޮޓޯ: ޓުވިޓާ

އަދި އެ މަސައްކަތް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވެއެވެ.

"ލޯފަން ކުދިންނަށް ހާއްސަކޮށްފައިވާ ޤުރުއާން، މިނިސްޓްރީއަށް ގެނެސްފިން،" މިނިސްޓަރު ޝަހީމް ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު އިސްލާމިކް މިނިސްޓްރީން ވަނީ ލިބޭ ގޮތްނުވެފައެވެ.

ލޯފަން ކުދިންނަށް ހާއްސަކޮށްގެން ރާއްޖެއަށް ގެނައި މުސްހަފު މިނިސްޓަރު ޝަހީމް ދައްކަވައިލައްވަނީ -- ފޮޓޯ: ޓުވިޓާ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ، ލޯފަން ކުދިންނަށް ހާއްސަކޮށްގެން 20 ސެޓް ފޮތް ގެނެސްފައިވާ ކަމަށެވެ. އަދި އެ މުސްހަފްތައް ރާއްޖޭގައި ހިންގާ ލޯފަންކުދީންގެ ޖަމިއްޔާތައް މެދުވެރިކޮށް އެކުދީންނަށް ހަވާލުކުރުމަށް ވަރަށް އަވަހަށް ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށްވެސް މުނީޒާ ވިދާޅުވިއެވެ.