އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 1900 އަށް ވުރެ ގިނަމީހުން މަރުވެފައި ވަނިކޮށް ނޭޕާލަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް މިއަދު ހެދުނު ނޭޕާލު ގަޑިން 1.09 ގައި ރިކްޓަ މިންގަނޑުން 6.7 ގެ ބާރުމިނުގެ ބިންހެލުމެއް އައި ކަމަށެވެ.

ބިންހެލުން އައުމުން ކަތުމަންޑޫގެ ގިނަ ބަޔަކު ގެދޮރުދޫކޮށް ދިޔަކަމަށާއި އެރަށުގެ ބައިނަލް އަގުވާމީ އެއާޕޯޓްވެސް ބަންދުކޮށްފައިވާ ކަމަށް ރަޝާ ޓްޑޭ ނޫސް އެޖެންސީން ބުންޏެވެ. އެ ބިންހެލުމުގެ އަސަރު، ބިންހެލުން އައި ސަރަހައްދާ 1000 ކިލޯމީޓަރު ދުރުގައިވާ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވެސް ކުރިއެވެ. އެގޮތުން ނިއުދިއްލީގެ މެޓްރޯ ރޭލުގެ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި ނޭޕާލަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 1900 އަށް ވުރެ މަތިވެފައި ވާއިރު އެއަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.