ޗައިނާގެ ހައިސްކޫލް ކުއްޖެއް އޭނާގެ އެކުވެރިޔާ ތިން އަހަރު ދުވަސް ވަންދެން ކޮނޑަށް އަރުވައިގެން ސްކޫލަށް ގެންގޮސްފިއެވެ.

އުމުރުން 18 އަހަރުގެ ޒީ ޒޫ އާއި އޭނާގެ 19 އަހަރުގެ އެކުވެރިޔާ ޒަންގ ޗީ އެންމެ ފުރަތަމަ ބައްދަލުވީ ޗައިނާގެ އުތުރުގެ އަވަށެއް ކަމަށްވާ ޖިއަންސޫގައި ހުންނަ ޑަޒޫ ހައިސްކޫލުންނެވެ.
ޒަންގ ޗީ އަށް ޖެހިފައިވަނީ މަސްކިއުލާ ޑިސްޓްރަފީ ނުވަތަ މަސްގަނޑު ބަލިކަށިވުމުގެ ބައްޔެކެވެ. އެ ބަލި ޖެހުމުން އެމީހެއްގެ އަމިއްލަ ބަރުމިނުގައި ކޮޅަށް ހުންނަން އުނދަގޫވެ އެވެ.
.
ބަރުދަނުގައި 75 ކިލޯ އަދި ދިގުމިނުގައި 1.73 މީޓަރު ހުންނަ ޒަންގ ޗީ އުފުއްލައިގެން ޒީ ކޮންމެ ދުވަހަކުވެސް އޭނާ ކުލާހަށް ގެންދެއެވެ.

"އެ ދެ ދަރިވަރުންގެ ވާހަކަ އަކީ ވަރަށް މަޝްހޫރު ވާހަކައެއް. އެ ދެކުދީންނަކީ އާއިލީ އެއްވެސް ގުޅުމެއް އޮންނަ ބައެއް ނޫން. އެކަމަކު ޒީ ޒަންގ އުފުއްލާތާ ތިން އަހަރު ވެއްޖެ." ޑަޒޫ ހައި ސްކޫލްގެ ޕްރިންސިޕަލްގެ ނައިބު ބުންޏެވެ.

ދެ އެކުވެރިން ދިރިއުޅެނީ ހައިސްކޫލާ ވަރަށް ކައިރީގައި ހުންނަ ގެއެއްގަ އެވެ. ކޮންމެ ދުވަހަކު ޒީ އޭނާގެ އެކުވެރި ޒަންގ އެ ގެއިން ސްކޫލަށް ގެންގޮސް ސްކޫލުން އަނބުރައި ގެއަށް ގެނެސް ހަދައެވެ. އަދި އޭނާއަށް ކާންދީ އެއްޗެހި ދޮވެދީ، ހެނދުނުގެ ނާސްތާ އަށް ކެފޭ އަށް ގެންގޮސްދީ ވެސް ހަދައެވެ.

ޒީ ބުނީ ކޮންމެ ދުވަހަކު އޭނާ ޒަންގ އެ ސްކޫލުގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ ކުލާހަށް އަރުވައި ބާލައި ހަދާ ކަމަށެވެ.

ނުކުޅުދުންތެރި ކަމެއް ހުއްޓަސް އަދި ޒަންގ އުފުލާ ހެދިޔަސް އެދެކުދިންގެ ކިޔެވުމަކަށް އެއްވެސް ބުރުލެއް ނާރައެވެ. އެދެ ކުދީންނަކީ ކިޔެވުމަށް ބުރަ މަސައްކަތް ކުރާ ދެކުދީންނެވެ. އަދި ކުލާހުގެ އެންމެ މޮޅު ދެ ދަރިވަރުންނެވެ.

"އެއީ ރީތި ކުއްޖެއް. ނުކުޅެދޭ ކުއްޖެކޭ ކިޔާފަ އޭނާއަށް ކުލާސް އެހެން ކުދިންގެ ފަރާތުން އެއްވެސް އުނދަގުލަކާ ކުރިމައްޗެއް ނުވޭ. އެންމެން ވެސް އޭނާއަށް ވަރަށް ކެއާ ކުރޭ. އެމީހުންގެ އެހީތެރިކަމުގެ ސަބަބުން ޒަންގ އަށް އެއްވެސް ކުލާހެއް މިސް އެއް ނުވޭ"
ޕްރިންސިޕަލްގެ ނައިބް ބުންޏެވެ.