26 Apr 2015, 14:02
ނޭޕާލަށް އައި ބިންހެލުމާއި ގުޅިގެން އެޤައުމުގައި ކުރިއަށް ގެންދާ އޭއެފްސީ އަންހެން ކުދިންގެ 14 އަހަރުން ދަށުގެ ސަރަހައްދީ ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.
އިއްޔެ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށް އައި 7.9 މެގްނަޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން މުބާރާތް ކެންސަލް ކުރިއިރު އިއްޔެއަކީ އެ މުބާރާތުގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗް ކުޅެން އޮތް ދުވަހެވެ.
އޭއެފްސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗް ކުޅޭނެ ވަކި ތާރީޚެއް ފަހުން ޢިއުލާން ކުރާނެކަމަށެވެ.
މިމުބާރާތުގައި ދިވެހިރާއްޖޭގެ 14 އަހަރުން ދަށުގެ އަންހެން ޤައުމީ ޓީމް ބައިވެރިވި ނަމަވެސް އިއްޔެރޭ ރާއްޖޭގެ ޤައުމީ ޓީމް ވަނީ މާލެ އައިސްފައެވެ.
މިމުބާރާތުގައި އިއްޔެއާއި ހަމައަށް ބަނގުލަދޭޝްގެ ޓީމް ފިޔަވައި ހުރިހާ ޓީމެއް ވަނީ ޤައުމުތަކަށް ގޮސްފައެވެ.
ބަނގުލަދޭޝްއަކީ ނޭޕާލާއި ދެކޮޅަށް ފައިނަލްގައި ކުޅެން ހަމޖެހިފައިވާ ޓީމެވެ. ތިން ވަނަ މެޗްގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ އީރާނާއި އިންޑިއާއެވެ.