24 Feb 2011, 12:00
ކެންޔާއާ ދެކޮޅަށް ކެޕްޓަން ޝާހިދު އަފްރީދީ ހެދި ރެކޯޑާއެކު ޕާކިސްތާނުން ކްރިކެޓް ވޯލްޑް ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ވޯލްޑް ކަޕް މެޗެއްގައި ފުރަތަމަ ފަހަރަށް ޕާކިސްތާނުގެ ކެޕްޓަންކަން ކުރި އަފްރީދީ ވަނީ މި މެޗުގައި 11 ލަނޑަށް ފަސް ވިކެޓް ނަގައިފަ އެވެ. މިއީ ވޯލްޑް ކަޕުގައި ޕާކިސްތާނުގެ އެންމެ އަވަސް ރެކޯޑެކެވެ. ކުރިން މި ރެކޯޑް އޮންނަނީ ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ވަސީމް އަކުރަމްގެ އަތުގަ އެވެ. ވޯލްޑް ކަޕުގެ އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިޔާގެ ތާރީހީ މަގާމު ވެސް ހޯދި ވަސީމް ވަނީ 2003 ވަނަ އަހަރު ނެމީބިއާ ދެކޮޅަށް 28 ލަނޑުން ފަސް ވިކެޓް ނަގައިފަ އެވެ.
މެޗަށް ފަހު ސުވާލު ކުރުމުން އުމުރުން 30 އަހަރުގެ އަފްރީދީ ބުނީ އޭނާ އަކީ ބޯލަރެއް ކަމަށާއި ބެޓްސްމަނަކަށް ވަނީގެ އޭގެ ފަހުން ކަމަށެވެ. ބެތް ކުރުމުގައި ވެސް ނުހަނު ކުޅަދާން އަފްރީދީ ވަނ މި މެޗުގައި ހަތަރު ބޯޅައިން ހަތް ލަނޑު ހަދައިފަ އެވެ.
ކެންޔާއާ ވާދަ ކުރި މި މެޗުގައި ޕާކިސްތާނުން ޓޮސް ދިމާވުމުން ގަސްތު ކުރީ ކުޅޭށެވެ. 50 އޯވަރުގެ ތެރޭގައި އެ ޓީމުން ހަތް ކުޅުންތެރިން ނުބައިވެގެން 317 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 52 ބޯޅައިން 71 ލަނޑު ހެދި އުމަރު އަކްމަލް އެވެ. އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ.
ޕާކިސްތާނާ ދެކޮޅަށް ކެންޔާ އަށް އެއްވެސް ވަރެއް ނުކުރެވުނެވެ. 33 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު އެ ގައުމަށް ހެދުނީ އެންމެ 112 ލަނޑެވެ. މީގެ އިތުރުން އެ ގައުމުން އުކި 37 ބޯޅައެއް ވަނީ ވައިޑްވިއިރު މިއީ އެއް ދުވަހުގެ ކްރިކެޓް މެޗުތަކުގައި މީގެ ކުރިން ފެނިފައިނުވާހާ ގިނަ އަދަދެކެވެ.
މެޗަށް ފަހު ކެންޔާ ޓީމުން ބުނީ އެ މީހުންގެ އުކުމުގެ 70 ޕަސެންޓް ރަނގަޅު ކަމަށާއި ރަނގަޅަށް ނުކުޅެވުނީ ކަމަށެވެ. އަދި ގިނަ ބޯޅަތަކެއް ވައިޑްވުމުގެ ސަބަބަކީ ކުޅުންތެރިން މާބޮޑަށް މޮޅަށް ކުޅެން މަސައްކަތް ކުރުން ކަމަށެވެ.
މި މެޗުގައި ކެންޔާގެ ޓީމުގެ ކެޕްޓަން އޮއުމާ ވަނީ އެއް ދުވަހުގެ މެޗުތަކުގައި 3000 ލަނޑު ހެދުމުގެ އުފާ ލިބިގެންފަ އެވެ. އޭނާ އަށް މި އަދަދު ހަމަކުރެވުނީ މި މެޗާއެކު ޖުމުލަ 130 މެޗުންނެވެ.
ވޯލްޑް ކަޕުގައި ޕާކިސްތާން ދެން ބައްދަލު ކުރަން ޖެހޭނީ މުބާރާތް ބާއްވާ އެއް ގައުމު ސްރީ ލަންކާއާ އެވެ.
އިންޑިޔާ އާއި ބަނގްލަދޭޝް ވެސް ހިމަނައިގެން ބާއްވާ މި މުބާރާތް ކުރިން ބާއްވަން އޮތީ ޕާކިސްތާނުގެ ވެސް ހިމަނައިގެންނެވެ. ނަމަވެސް އެ ގައުމުގައި މެޗުތައް ނުކުޅެން ނިންމީ 2009 ވަނަ އަހަރު ލަންކާ ޓީމު ޕާކިސްތާނަށް ދިއުމުން ޓެރަރިސްޓުންގެ ބަޔަކު މޯޓަރު ބަޑިން ހަމަލާދފީ ބައެއް ކުޅުންތެރިން ޒަހަމްކޮށްލުމުންނެވެ. ލަންކާ ޕާކިސްތާނު މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.