26 Apr 2015, 13:52
ބައިސްކަލުގައި ކުނި އުކާލުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ބައިސްކަލުގެ ބަދަލުގައި ކުނި އުކާލުމަށް ބޭނުން ކުރަން ޖެހޭނީ އެކަމަށް ހާއްސަ ވެހިކަލް ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ އެފަދަ އުޅަނދުތައް ބޭނުން ކުރުމުގައި އާންމުންނަށާއި މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދު ފަހަރަށް އުނދަގުވާ ގޮތަށް ނުވަތަ މަގުމައްޗަށް ކުނި އެޅޭ ގޮތަށް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ބިލްގައި ބުނެފައިވާ ގޮތުގައި ކުނި އުކާލަން ބޭނުންކުރާނެ އުޅަނދުފަހަރުގެ ފެންވަރާއި ބާވަތްތައް ކަނޑައެޅުމުގެ ބާރު މިނިސްޓްރީ އަށް ލިބިދޭ ކަމަށެވެ.
އެ ގާނޫނަށް މޫސަ ހުށަހަޅާފައިވާ އިސްލާހުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑު ކުރަން ވެސް ވަނީ ހުށަހަޅާފައި އެވެ.
މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވައިގެން، ފުރަތަމަ ފަހަރަށް ހިފަހައްޓައިފި ނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހެ އެވެ. ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެ ޖޫރިމަނާގެ އަދަދު އަރަނީ 500 ރުފިޔާ އަށެވެ. ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވައިގެން ދެ ވަނަ ފަހަރަށް ފުލުހުން ހިފަހައްޓައިފި ނަމަ އެ މީހަކު 1،500 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ހިފަހައްޓާ ދެ ވަނަ ފަހަރު ޖޫރިމަނާ ކުރަން ޖެހެނީ 750 ރުފިޔާ އިންނެވެ. ބިލުގައި ބުނެފައިވާ ގޮތުން ބާރު ސުޕީޑުގައި ދުއްވައިގެން ހިފަހައްޓާ ތިން ވަނަ ފަހަރު 2،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހެ އެވެ. އަދި ދެ ވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު އެފަދަ ފަރާތެއްގެ ލައިސަންސް ތިން މަސް ދުވަހަށް ހިފެހައްޓަން ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީނުކޮށް ދުއްވުމާއި ރަޖިސްޓްރީ ބާތިލްވެފައިވާ އުޅަނދެއް ދުއްވުމުން 750 ރުފިޔާ އިން ޖޫރިމަނާވާނެ ކަމަށް މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތް ވެސް 750 ރުފިޔާ އިން ޖޫރިމަނާ ވާނެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރަޖިސްޓްރީ ނުކޮށް އުޅަނދެއް ދުއްވުމުން ޖޫރިމަނާ ވާނީ 500 ރުފިޔާއިންނެވެ.
މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ދުވާރު މަތީގައި މުދަލާއި ތަކެތި ބަހައްޓާ މީހުން 750 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.