26 Apr 2015, 13:39
ސްޕެޝަލިސްޓް އޮޕަރޭޝަންގެ (އެސްއޯ) ފުލުހުން ތަމްރީން ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފޭދޫ ފިނޮޅުގައި ފައްޓައިފި އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި އެސްއޯ ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ނުރައްކާތެރި ހާދިސާތަކުގައި މަސައްކަތް ކުރާނެ ގޮތްތައް ވަނީ އެސްއޯ ފުލުހުންނަށް ދަސްކޮށްދީފަ އެވެ. ފޭދޫ ފިނޮޅުގައި ބޭއްވި އެ ޕްރޮގްރާމް މިހާރު ނިމިފައިވާ އިރު އެ ޕްރޮގްރާމްގައި، އެކި އެއްވުންތަކާއި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި މަސައްކަތް ކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފަ އެވެ.
އެ ޕްރޮގްރާމަކީ ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ޙަރަކާތްތެރިވާނެ ގޮތްތަކުގެ އިތުރަށް ފަރިތަކުރުވުމަށް ބޭއްވޭ ޕްރޮގްރާމް އެކެވެ.
ފޭދޫ ފިނޮޅުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމް މާލެއާއި މާލެ ކައިރީ ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފޭދޫ ފިނޮޅުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ އެގޮތަށް ބޭއްވި ފުރަތަމަ ޕްރޮގްރާމް ކަމަށް ފުލުހުން ބުންޏެވެ.