26 Apr 2015, 12:46
މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ހުރަވީ ބިލްޑިންގެ ފުރަތަމަ ބުރި އަކީ މިދާ އުޅޭ އަދި ނަޖިސްފައިބާ ތަނެއް ކަމުގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ބަދަލުކުރާ އިމާރާތް މީޑިއާއަށް ދައްކަވާލެއްވުމަށް ފަހު ޝިފާ ވިދާޅުވީ މިއީ ސިޓީ ކައުންސިލުގެ މުވައްޒަފުން މަސައްކަތް ކުރަން އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ.
"ތިޔަ ބޭފުޅުންނަށް ތިޔަ ފެނިވަޑައިގެންނެވީ މީދަލުގެ އުނދަގޫ މިތަނުގައި ހުރިވަރު. މިތަނުގައި ނަޖިސް ފެން ހުރިހާ ދިމާލަކުން ފައިބަމުން އެދަނީ. މިފަދަ ތަނަކަށް ސިވިލް ސާވިސް ބޭފުޅުން ބަދަލުކުރައްވާ އިރު ސިވިލް ސާވިސްގެ އަޑެއް އޮތުމަކީ ވަރަށް މުހިއްމުކަމެއް،" ޝިފާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ މަސައްކަތްތައް ބަދަލުކުރާ ހުރަވީ ބިލްޑިންގްގެ އިމާރާތަކީ ޖެންޑާ މިނިސްޓްރީ ކުރިން ހިންގި އިމާރާތެވެ.
ސިޓީ ކައުންސިލް އިން ބުނީ އެހެން ނަމަވެސް އެ އިމާރާތަށް ބަދަލުވާން މިހާރު އެއްޗެހި ޕެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ބަދަލުވާން ވަގުުތު ބޭނުންވާ ކަމަށެވެ. އަދި އަލަށް ބަދަލުވާ އޮފީހުގެ ތަލުދަނޑި ލިބުނީ ހުކުރު ދުވަހު ކަމަށާއި އަދި އެއީ ބަންދު ދުވަހެއް ނަަމަވެސް އެއިރުން ފެށިގެން ބަދަލުވުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންނަމަވެސް ސިވިލް ސާވިސް މުވައްޒަފުން މާދަމާ ބަދަލު ކުރެވޭނެ ކަަމަށް ގަބޫލުނުކުރައްވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި އެހެންކަމުން ސިޓީ ކައުންސިލުގެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަހަށް ހުއްޓާލަން ޖެހޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
"ޖެންޑާ މިނިސްޓްރީ އަށް ވެސް އެކޮޅަށް [ސިޓީ ކައުންސިލް ހިންގި އިމާރާތަށް] ބަދަލުވެވޭނީ އަޅުގަނޑުމެންގެ ސާމާނު ވެސް ގެނެވި އަދި މިތާ [ހުރަވީ ބިލްޑިންގައި] މަސައްކަތް ވެސް ފެށިގެން." ކަމަށް ޝިފާ ވިދާޅުވި އެވެ.
ސިވިލް މުވައްޒަފުން ހުރަވީ ބިލްޑިން އަށް ބަދަލުކުރުމާ ގުޅިގެން ސިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ރަމީޒު ހަސަން ވިދާޅުވީ އެތަނުގެ ތަޅުދަނޑިއާ ހަވާލުވި ދުވަހު ވެސް އެ އިމާރާތަށް ބަދަލުވެވޭނީ ބަޖެޓް ލިބިގެން އެތަން މަރާމާތުކޮށްގެން ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"މިތަނަކީ މުވައްޒަފުންނަށް އުޅެން އެކަށީގެންވާ ތަނެއް ނޫން" އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އިން ވަނީ ސިޓީ ކައުންސިލް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އަންގާފަ އެވެ.