26 Apr 2015, 12:24
ސަންޢާ، ޔަމަން. (އޭޕީ) ޔަމަނުގައި ހިނގަމުންދާ އަހުލީ ހަނގުރާމައާއި އެގައުމަށް ސައުދީ އަރަބިއްޔާއިން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މަރުވި އާއްމުންގެ އަދަދު 550 އަށް އަރައިފިއެވެ.
ހަނގުރާމައިގައި ފާއިތުވި އެއްމަސްދުވަހު މަރުވި އާއްމުންގެ އަދަދު 550 އަށް އެރި އިރު އޭގެ ތެރޭގައި 115 ކުޑަކުދިން ވެސް ހިމެނެއެވެ.
ޔަމަނު ހާލަތާ ބެހޭ ގޮތުން އެމްނެސްޓީން އިންޓަނޭޝަނަލުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާއިން ދިން ޔަމަނުގެ ވެރިރަށް ސަންއާ އަށާއި އެހެން ބައެއް ޝަހަރުތަކަށް ދިން ހަމަލާތައް އެޖަމާއަތުން ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ބެލި ބެލުމުން އެނގުނީ ވައިގެ ހަމަލާތަކުން އާއްމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅާފައި ނުވާކަން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްނެސްޓީގެ ބަޔާނުގައި ބުނެފައި ވަނީ ޔަމަނަކީ އާއްމުންނަށް ނުރައްކާތެރި ތަނަކަށް ވެފައިވާ ކަމަށާއި އެހެންވެ، 15000 މީހުން ގެދޮރުދޫކޮށް ގޮސްފައިވާ ކަމަށެވެ.
އީރާނުގެ މަދަދާއި އެކު ޔަމަނުގެ ސަރުކާރު ވައްޓާލައި، އެގައުމަށް ގަދަވެގަނެގެން އުޅޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހޫސީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއާއި މިސްރާއި ސޫދާނުން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.