އިންޑިއާގެ ކުރީގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ޚޫރުޝީދަކީ ވަރަށް އަބުއި ބޭފުޅެއްގެ ގޮތުގައި މީހުން ދަންނަ ބޭފުޅެކެވެ. އިންޑިއާގެ ގަދަރުބޮޑު އާއިލާއަކަށް ނިސްބަތްވުމުގެ އިތުރުން ނުފޫޒު ގަދަ މަގާމުތައް ފުރުއްވާފައިވާ ޚޫރުޝީދުގެ ވަރަށް ތަފާތު ގޮތަކަށް ފެންނަ ވީޑިއޯއެއް އިންޑިއާގައި މިހާރު ވަނީ މަޝްހޫރު ވެފަ އެވެ.

އިންޑިއާގައި ހުންނަވާ ޖަރުމަނު ވިލާތުގެ ސަފީރު މިޚައިލް ސްޓެއިނާގެ އަނބިކަނބަލުން އެލީސް ސްޓެއިނާއި އެކު ޚޫރުޝީދު ކުޅުއްވި ލޯބީގެ ލަވައިގެ ވީޑިއޯއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ސްޓެއިނާ ކުރައްވާ އިހުތިރާމްގެ ރަމްޒެއްގެ ގޮތުން އޭނާ އުފެއްދެވި އުފެއްދުމެކެވެ.

މަޝްހޫރު ފިލްމެއް ކަމަށްވާ ކަލްހޯނަހޯއަށް ސޯނޫ ނިގަމް ކިޔައިދީފައިވާ ލަވައިގައި ޚޫރުޝީދު ކުޅުއްވާފައި ވަނީ އޭގެ ފިލްމުގައި ސައިފް އަލީ ޚާން ކުޅެފައިވާ ދައުރެވެ. އަދި އެލަވައިގައި ޕްރިތީ ޒިންތާ ކުޅެފައިވާ ބައި އެލީސް ސްޓޭއިނާ ކުޅުއްވާފައިވާ އިރު ޝާހް ރުކްޚާން ކުޅެފައިވާ ބައި ކުޅުއްވާފައި ވަނީ މިޚައިލް ސްޓެއިނާ އެވެ.

އެލަވައަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް، ލަވަ ރަސްމީކޮށް ދައްކައިލުމަށް ބޭއްވި ހަފުލާގައި ސްޓެއިނާ ވިދާޅުވިކަމަށް އެންޑީޓީވީން ހުކުރު ދުވަހު ބުންޏެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ބޮލީވުޑްގެ މަސައްކަތަށް އޭނާ ކުރައްވާ އިހުތިރާމް ދައްކައިދޭ މަސައްކަތްޕުޅެއް ކަމަށެވެ.

"... އުނދަގޫ ތިން ކަމެއް އެކަމުގައި ދިމާވި، ފުރަތަމަ ކަމަކަށް އަހަރެން ކުރިން އެކްޓް ކުރީ އެންމެ ފަހަރަކު، އެއީ ސްކޫލްގައި ކިޔެވި އިރު މީގެ 50 އަހަރު ކުރިން. ދެވަނަ ކަމަކަށް އަހަރެންނަށް ހިންދީ ބަހެއް ނޭނގޭ. އެހެންވީމާ ލަވައާ އެއްގޮތަށް ތުން ތަޅުވަން ވަރަށް އުނދަގޫވި. ޖަރުމަނު މީހުންނަކީ ސަމާސާ ކުރުމުގައި މަޝްހޫރު ބައެއް ނޫން،" ދިއްލީގައި ސްޓެއިނާ ދިރިއުޅުއްވާ ތަނުގައި ، ލަވަ އާއްމު ކުރުމަށް ބޭއްވި ހަފުލާގައި އޭނާ ވިދާޅުވެފައިވެ އެވެ.

ކަލްހޯނަހޯގައި އެކްޓްކޮށްފައިވާ ސައިފްއަލީޚާން ބުނެފައި ވަނީ އެ ވީޑިއޯ އަކީ "އާދަޔާ ހިލާފު ޑިޕްލޮމެޓިކް" މަސައްކަތެއް ކަމަށެވެ.

ސަލްމާން ޚޫރުޝީދު ވިދާޅުވެފައި ވަނީ ސައިފްއާ އެއްގޮތަށް އެކްޓްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.