24 Feb 2011, 11:54
ޗޭންޖިން ރޫމުގައި ހުރި ޓީވީ ހަލާކުކޮށްލުމުގެ ސަބަބުން އޮސްޓްރޭލިޔާގެ ވޯލްޑް ކަޕް ކެޕްޓަން ރިކީ ޕޮންޓިން އަށް އަދަބު ދޭން ކްރިކެޓްގެ މައި އިދާރާ (އައިސީސީ)ން ނިންމައިފި އެވެ. މި މައްސަލާގައި ޕޮންޓިން އަށް ދޭނެ ކަމަށް ބެލެވެނީ ލެވެލް އެކެއްގެ އަދަބެކެވެ. އެއީ އޭނާގެ މެޗު ފީގެ 50 ޕަސެންޓް އުނިކުރުމެވެ.
އޭނާ އަށް މި އަދަބުދޭން ނިންމީ މެޗަށް ފަހު އެކަމާ ރެފްރީގެ ކިބައިން މައާފަށް އެދި ޓީވީ އަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ބަދަލުދޭން އަމިއްލަ އަށް ހުށަހެޅުމުންނެވެ.
ފާއިތުވެދިޔަ ދެ ވޯލްޑަ ކަޕު ކާމިޔާބު ކުރި އއިރު ވެސް އޮސްޓްރޭލިޔާގެ ކެޕްޓަންކަން ކުރި ޕޮންޓިން ޓީވީ ހަލާކުކުރީ އިންޑިޔާގައި މިދިޔަ ހޯމަ ދުވަހު ޒިމްބާބުވޭ އަތުން އޮސްޓްރޭލިޔާ މޮޅުވި މެޗުގައި އެންމެ 36 ލަނޑަށް އޭނާ ނުބައިވުމުން އައި ރުޅީގަ އެވެ.
އެ މެޗުގެ ރެފްރީ ރޯޝަން މަހްނަމާ ބުނީ ޕޮންޓިންގެ އަމަލަކީ ކްރިކެޓްގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށާއި ނުތަނަވަސްވާ ވަގުތުތަކުގައި ވެސް އޭނާގެ އަމަލުތައް ހުންނަން ޖެހޭނީ އެފަދަ ދަށުދަރަޖައެއްގައި ނޫން ކަމަށެވެ.
ރެފްރީ ބުނީ ޕޮންޓިން ޓީވީ ހަލާކުކުރީ އޭނާގެ އަންގި ޓީވީއާ ދިމާލަށް ހޫރާލައިގެންނެވެ. މީގެ ސަބަބުން އެލްސީޑީ ޓީވީގެ ބޭރުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ނަމަވެސް ޓީވީން އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް އައިސިސީން ބުނެ އެވެ. މި މައްސަލަ ރިޕޯޓް ކުރީ އިންޑިޔާގެ ގުޖުރާތު ކެރިކެޓް އެސޯސިއޭޝަނުންނެވެ.