26 Apr 2015, 11:28
ދިވެހި ރެޑް ކްރެސެންޓް އިން މި އަހަރާއި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ގޮތުގައި 93.7 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ރެޑް ކްރެސެންޓުގެ އައު ގަވާނިން ބޯޑުން ބުނެފައި ވަނީ، މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ހަތް ވަނަ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ފާސް ކޮށްފައި ވަނީ 39.2 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 54.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ބޯޑުން ވަނީ ބުނެފަ އެވެ.
އިއްޔެ ނިމުނު އާންމު ޖަލްސާގައި ވަނީ ދިވެހި ރެޑް ކްރެސެންޓްގެ ގަވާނިން ބޯޑަށް އައު މެމްބަރުން އިންތިހާބު ކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރެޑް ކްރެސެންޓްގެ އައު ރައީސް އަލީ ނާޝިދު ވިދާޅުވީ ރެޑް ކްރެސެންޓް ކުރިއަށް ގެންދިޔުމަށް ބޮޑަށް އިސްކަން މިފަހަރު ދީފައި ވަނީ ރެޑް ކްރެސެންޓްގެ ގޮފިތައް އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި ގޮފިތަކުގެ މުވައްޒަަފުންގެ ފަންނީ ގާބިލިއްޔަތު ކަމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތްތާގައި އަޅުގަނޑުމެން ބޮޑަށް މި ފޯކަސް ކުރަނީ ރެޑް ކްރެސެންޓް ކުރިއަށް ދާނެ ގޮތަކަށް ބަލާއިރުގައި ގޮފިތައް ތަރައްގީ ކުރުން އެންމެ މުހިއްމު އެއް ކަމަކަށް ބަލައިގެން މިއުޅެނީ. އޭގައި ގޮފިތަކުގެ މުވައްޒަފުންގެ ފަންނީ ގާބިލިއްޔަތު ކަމަށް ވަރަށް ބޮޑު މުހިއްމު ކަމެއް ދެވޭނެ،" ނާޝިދު ވިދާޅުވި އެވެ.
ރެޑް ކްރެސެންޓް ބަރޯސާ ވެގެން އޮންނަނީ ބޭރުން ލިބޭ ފަންޑިންތަކަށް ކަމަށް ނާޝިދު ވިދާޅުވި އެވެ. ނަމަވެސް އެގޮތް ބަދަލުކޮށް ރެޑް ކްރެސެންޓްގެ ގޮފިތަކުންނާއި އިތުރު ހަރަކާތްތަކާ އެކު ފަންޑް ރެއިޒް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތާގައި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.