ފަތުހު ޖަމާއަތުން ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި ދައުވާކުރަން ފޮނުވާފައިވާ ހަތަރު މީހުންގެ ތެރޭގައި ފަތުހު ޖަމާއަތުގެ ވެރިޔާ މުހައްމަދު މުސްތަފާގެ އަންހެނުންނާއި އޭނާގެ ދަރިއެއްގެ އިތުރުން މުސްތަފާގެ ދަނބިދަރިއެއް ވެސް ހިމެނެ އެވެ.

ފަތުހު ޖަމާއަތުގެ ވެރިޔާ ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްްޓްރީން ކޯޓާ ދޫކުރި ވަރަށް ވުރެ އިތުރަށް 126 މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެއްގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ޖަހައިދީފައިވެ އެވެ.

މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ފަތުހު ޖަމާއަތުން ފައިސާ ނެގި މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް ވިސާ ޖައްސާފައިވާ އެ ޖަމާއަތުގެ 118 މީހަކު ސަރުކާރުގެ ހަރަދުގައި މި އަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ.