26 Apr 2015, 11:07
ސްޕެނިޝް ލީގްގައި ރޭ ބާސެލޯނާއާ އެސްޕެނިޔޯލް ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސާއިން ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލިއިރު ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އެލްޗޭއާ ބައްދަލުކޮށް 3-0 ގެ ނާތީޖާއަކުން މޮޅުވެއްޖެއެވެ.
އެސްޕެނިޔޯލްގެ ދަނޑު ކޮނިއްޔާ އެލް ޕްރާޓްގައި ކުޅުނު މިމެޗްގައި ބާސާގެ ލަނޑުތައް ޖަހައިދިނީ ބްރަޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާއާއި އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީއެވެ.
މެޗްގެ 17 ވަނަ މިނެޓްގައި ނޭމާ ލަނޑު ކާމިޔާބު ކުރީ ބާސެލޯނާގެ ސްޕެއިން ޑިފެންޑަރު ޖޯޑީއަލްބާ އެސްޕެނިޔޯލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
އޭގެ އަށް މިނެޓް ފަހުން އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ބާސާގެ ދެވަނަ ލަނޑު ޖެހިއިރު، ސުއަރޭޒް ޕާސްކޮށްލި ބޯޅަ ފުރަތަމަ މެސީއަތުން ކޮންޓްރޯލް ގެއްލުނު ނަމަވެސް އޭނާ ބޯޅަ ކޮންޓްރޯލްކޮށް ހަނި އޭންގަލަކުން އެސްޕެނިޔޯލްގެ ގޯލަށް ވަނީ ބޯޅަ ފޮނުވާލާފައެވެ.

ރޭގެ މެޗްގައި މެސީ އުފާފާޅު ކުރަނީ --- ފޮޓޯ/ ގޯލްޑޮޓްކޮމް
މެޗްގެ ދެ ވަނަ ހާފްގެ އަށް ވަނަ މިނެޓްގައި ބާސާގެ ޖޯޑީއަލްބާއަށްވަނީ ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗްގެ ފުރަތަމަ ހާފުގައި ކުރިފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރީނދޫކާޑު ދައްކާފައެވެ. އަލްބާއަށް ރަތް ކާޑު ދެއްކީ އެސްޕެނިޔޯލް ކުޅުންތެރިޔަކު އޭނާއަށް ފައުލު ކުރުމުން އެކަން ފައުލެއްގެ ގޮތިގައި ނުދެއްކުމުން ރެފްރީ ކުރިމަތީގައި ހިތްހަމަ ނުޖެހޭކަން ދެއްކުމުގެ ގޮތުން ބޯޅަ ދުރައް ފޮނުވާލުމުންނެވެ.
ދެވަނަ ހާފްގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގައި ބާސެލޯނާ ސިޓީއަށް ނިސްބަތްވާ އެސްޕެނިޔޯލްގެ ކުޅުންތެރިޔަކަށްވެސްވެސް ރެފްރީ މަޓިއު ލޮހޯޒް ވަނީ ރަތް ކާޑުދައްކާފައެވެ. އެއީ އެސްޕެނިޔޯލްގެ ޑިފެންޑަރު ހެކްޓާ އަލްފްރޭޑޯ މެރޯނާއަށެވެ.
ރޭ އެތުލެޓިކޯގެ ސްޓޭޑިއަމް ވިންސެންޓޭ ކެލްޑްރަންގައި ކުޅުނު މެޗްގައި އެލްޗޭއާ ދެކޮޅަށް އެތުލެޓިކޯގެ ފުރަތަމަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ.

އެތުލެޓިކޯއާ އެލްޗާއާ ބައްދަލު ކުރި މެޗްގެ ތެރެއިން ---
ދެވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ރައުލް ގާސިއާއެވެ.
ތިން ވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ފްރާންސްގެ ފޯވަޑް ގުރިޒްމަންއެވެ.

އެތުލެޓިކޯއާ އެލްޗާއާ ބައްދަލު ކުރި މެޗްގެ ތެރެއިން ---