26 Apr 2015, 09:25
ނޭޕާލުގެ ވެރި ރަށް ކަތަމަންޑު އަށް އިއްޔެ ރެކްޓާ މިންގަނޑުން 7.8 މިނުގެ ބާރު މިނިގައި އައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 1،900 އަށް އަރައިފި އެވެ.
މިއީ ވޭތުވެ ދިޔަ 80 ވަރަކަށް އަހަރުގެ ތެރޭގައި ނޭޕާލަށް ދިމާވި މިފަދަ އެންމެ ހިތާމަވެރި ހާދިސާ އެވެ.
އިއްޔެ ހާދިސާގައި އެތައް ބަޔަކު މަރުވި އިރު އިމާރާތްތަކާއި ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ފައްޅިތައް ވެސް ވަނީ ބިމާހަމަވެފައި ކަމަށް ޔޫއެސްއޭ ޓްޑޭ އިން ބުންޏެވެ.
ައަނިޔާ އާއި ޒަހަމުވެފައިވާ މީހުނުން ކަތަމަންޑޫގެ ހޮސްޕިޓަލްތައް ވަނީ ތޮއްޖެހިފަ އެވެ. ބައެއް މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުން ބޭރުގަ އެވެ.
އެ ބިންހެލުމުގެ ގުޑުން އުތުރު އިންޑިއާ އާއި ބަންގްލާދޭޝް އާއި ޓިބެޓް އަދި ޕާކިސްތާނަށް ވެސް ކުރި އެވެ. އަދި އެ ހާދިސާގައި މައުންޓް އެވަރެސްޓުން ވެސް 10 މީހުން މަރުވި އެވެ.
ނޭޕާލުގެ ފުލުހުން ބުނީ މިހާތަނަށް މަރުވި މީހުންގެ އަދަދު 1865 އަށް އަރާފައިވާ ކަމަށެވެ. އަދި އެ އަދަދު އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިމެޖެންސީކޮށް ކެބިނެޓް މީޓީން އިން ނިންމާފައި ވަނީ ނޭޕާލުގެ 29 ޑިސްޓްރިކްޓަކީ "ކްރައިސަސް" ގައިވާ ތަންތަން ކަމަށެވެ.