މިފްކޯ އިން ވިއްކާ "ފަސްމީރު" ދަޅުމަހުގެ އަގު ކޭހަކުން 26ރ. ބޮޑުކޮށްފި އެވެ.

މިފްކޯ އަށް ދަޅުމަސް ފޯރުކޮށްދޭ ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ ހާމިދު އަހުމަދު މިއަދު ވިދާޅުވީ އެފަރާތުން އުފައްދާ ދަޅުމަހުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުން ތެޔޮ ލިބޭ އަގު ބޮޑުވެފައި ވާތީ އާއި ދަޅުމަސް އުފެއްދުމަށް ބޭނުންކުރާ އެހެން ބައެއް ސާމާނުގެ އަގު ވެސް މިދުވަސްވަރު ބޮޑުވެފައި ވާތީ ކަމަށެވެ.

"އަގު ބޮޑުކުރުމުގެ ސިއްރަކީ ޑީސަލްގެ އަގު އަނެއްކާ ވެސް ބޮޑުވުން. މީގެ އިތުރުން ދުނިޔޭގެ ބާޒާރުން ބައެއް ރޯމެޓީރިއަލްސް [އުފައްދަން ބޭނުންކުރާތަކެތި] ލިބޭ އަގު ބޮޑުވެފައި މި ހުރީ. އެއީ ޓިނާއި ތެލާ އަދިވެސް އެހެން ތަކެތީގެ އަގު ބޮޑުތަނުން ބޮޑުވެފައި މިހުރީ،" ހާމިދު ވިދާޅުވި އެވެ.

މިފްކޯގެ މަސްފިހާރަ އިން ކުރިން 708ރ. އަށް ވިއްކަމުން އައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިހާރު ހޯލްސޭލްކޮށް ވިއްކަނީ 734ރ. އަށެވެ. އެއާ އެކު ކުރިން ބާޒާރުގައި ވަކިން 16ރ. އަށް ވިއްކި މަސްދަޅެއް މިހާރު ގަންނަން ލިބެނީ 17ރ. އަށެވެ.

މިފްކޯ އިން ވިއްކާ އެހެން ބައެއް ބާވަތްތަކުގެ ދަޅުމަހުގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ކޭހަކުން އެވްރެޖްކޮށް 26ރ. ވަނީ ބޮޑުކޮށްފަ އެވެ.

ހާމިދު ވިދާޅުވީ އެ ކުންފުނިން އުފައްދާ ދަޅުމަހުގެ އަގު ކުޑަކުރެވޭތޯ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ހދ. ކުޅުދުއްފުށީ ބަނދަރަށް ބޭރުން ރޯ މެޓީރިއަލްސް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން ދުނިޔޭގެ ބާޒާރުގައި ތަކެއްޗަށް އަންނަ ބަދަލާ އެކު ދަޅުމަހުގެ އަގަށް ބަދަލުނުގެނެސް ހިފެހެއްޓޭތޯ. އަޅުގަނޑުމެން މިހާރު މަސައްކަތްތަކެއް ފަށައިގެން މި އުޅެނީ ރޯ މެޓީރިއަލްސް ޑައިރެކްޓްކޮށް ކުޅުދުއްފުށީ ބަނދަރަށް ގެންނަން." ހާމިދު ވިދާޅުވި އެވެ.