ދިވެހި ރެޑް ކްރެޒެންޓްގެ ގަވާނިން ބޯޑުގެ އައު މެމްބަރުން އިންތިހާބު ކޮށްފިއެވެ.

މިރޭ ބޭއްވި ދިވެހި ރެޑް ކްރެޒެންޓުގެ ހަތްވަނަ އަހަރީ އާންމު ޖަލްސާގައި ގަވާނީން ބޯޑުގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައި ވަނީ އަލީ ނާޝިދު އެވެ. ބޯޑުގެ އިތުރު މެމްބަރުންގެ ތެރެއިން އުތުރު ދާއިރާގެ މެމްބަރުންނަށް އިންތިޚާބު ކުރައްވާފައިވަނީ ޔާސިރު އަބްދުލް ލަތީފު އާއި އަބްދުއްރަހީމް އަބްދުއްނަސީރެވެ. މީގެ އިތުރުން އެ ބޯޑަށް އިންތިޚާބު ކުރައްވާފައިވާ އިތުރު މެމްބަރަކީ އާރިފް ރަޝީދެވެ.

އަހަރީ އާންމު ޖަލްސާ ނިންމާލުމަށްފަހު މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގަވާނިން ބޯޑަށް އަލަށް އިންތިޚާބު ކުރެވުނު މެމްބަރުންގެ ސުލޫކީ މިންގަނޑުގައި ވަނީ ސޮއި ކޮށްފައެވެ.

އާޓް ގެލެރީގައި ދެ ދުވަހަށް ކުރިއަށް ދިޔަ އަހަރީ ޖަލްސާގައި ވަނީ މިއަހަރާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ވެސް ފާސްކޮށްފައެވެ. މީގެ އިތުރުން، ރެޑް ކްރެޒެންޓުން ކުރިއަށް ހިންގަން ބޭނުންވާ ހަރަކާތްތަކާ މެދުގައިވެސް އެ ޖަލްސާގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ރެޑް ކްރެޒެންޓްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައެވެ. އެ ރިޕޯޓު ނެރުއްވާފައިވަނީ ޖަލްސާގެ ޝަރަފުވެރި މެހްމާން، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.