މެލޭޝިއާގެ ސްޕަލީގްގައި މިރޭ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާގު (ދަނގަޑޭ)ގެވެސް ލަނޑަކާއެކު ޕީޑީއާރްއެމް ޓެރަންގަނޫގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސްޕަލީގްގެ އެއްވަނައަށް ޕީޑީއާރް ޖެހިލައިފިއެވެ.

މިމެޗްގައި ޕިޑީއާރްއމެގެ ތިން ލަނޑުވެސް ޖަހައިފައިވަނީ މެޗު ފެށިގެން 20 މިނެޓްތެރޭގައެވެ.

އެގޮތުން ޕީޑީއާރްއެމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗް ފެށިގެން ހަތްވަނަ މިނެޓް ތެރޭގައި ޝަހުރެއިންއެވެ.

މެޗްގައި ޕީޑީއާރްއެމްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ 16 ވަނަ މިނެޓުގައި ޓޯރޭއެވެ.

މެޗްގައި ޕީޑީއާރްއެމްގެ ތިން ވަނަ ލަނޑު ދަނގަޑޭ ކާމިޔާބުކުރީ 20 ވަނަ މިނެޓްގައެވެ. މިއީ ދަނގަޑޭ މިސީޒަންގައި ޕީޑީއާރްއެމްއަށް ޖަހައިދިން ހަ ވަނަ ލަނޑެވެ.

ޓެރަންގަނޫގެ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފްގެ ތެރޭގައެވެ.

މިމެޗްގެ ކުރިން 15 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައި އޮތް ޕީޑީއާރްއެމް އެއްވަނަ އަށް ދިޔައީ، ތާވަލްގެ އެންމެ ކުރީގައި އޮތް ދެޓީމް މިރޭ ކުޅުނު މެޗުން ބަލިވުމުންނެވެ.

މީގެކުރިން ސެލެންގޯ އޮތީ 17 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. ނަމަވެސް މިރޭގެ ނާކާމިޔާބީއާ އެކު ޕީޑީއާރްއެމް އެޓީމަށްވުރެ އެއްޕޮއިންޓު އިތުރަށް ހޯދައި ތާވަލްގެ އެއްވަނައަށް ޖެހިލިއިރު، 17 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތް ފެލްޑާ ޔުނައިޓެޑަށް ވެސް ވަނީ ތާވަލްގެ ދެވަނަ ގެއްލިފަ އެވެ.

ކެލަންޓަންއާ ވާދަކޮށް ސެލަންގޯ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ފެލްޑާ ޔުނެއިޓަޑް ބަލިވީ 1-0 ގެ ނަތީޖާއަކުން ޕާހަންގް އަތުނެނެވެ.

ޕީޑީއާރްއެމް ތާވަލްގެ އެއްވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާއެކު 18 ޕޮއިންޓް ލިބިގެންނެވެ.