26 Apr 2015, 00:09
ގައުމު ދެމި އޮންނާނީ ފުލުހުންނާއި ސިފައިން ގައުމަށް ވަފާތެރިވެގެން ކަމަށް އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފ. ބިލެތްދޫގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ގައުމު ސަލާމަތްވާން އޮތީ ސިފައިންނާއި ފުލުހުން ގައުމަށް އަމާނާތްތެރިވެގެން ކަމަށެވެ.
"ގައުމު ދެމިއޮންނާނީ ތިބޭފުޅުން މި ގައުމަށް އަމާނާތްތެރިވެގެން ތި ބޭފުޅުންގެ ހުވަޔާއި ތިޔަ ބޭފުޅުން އަމާނާތްތެރިވެގެން އެއަށް ވަފާތެރިވެގެން. އެ އަހުދުގެ މަތީގައި ސާބިވެގެން،" އިމްރާން ވިދާޅުވި އެވެ.
ކޮންމެ ބަޔަކު އަމުރުކުރިޔަސް ފުލުހުންނާއި ސިފައިން ތަބާ ވާންޖެހޭނީ އެމީހުންނަށް ކުރެވޭ ގާނޫނީ އަމުރުތަކަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް" މިނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތައް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވީ އެ ހަރަކާތުން ބޭނުންވަނީ އިސްލާމީ ޝަރިއަތާއި ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން މުއާމަލާތް ކުރަމުން ދިޔުމަށް ކަމަށެވެ.
އިސްލާމްދީނުގައި އޮންނަނީ މަޝްވަރާގެ އުސޫލުން ކަންތައް ކުރިއަށްގެންދަން ކަމަށާއި އެހެންނަމަވެސް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ބޭނުންނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
މީގެކުރިން ބޭއްވި ޖަލްސާއެއްގައި އިމްރާން ވިދާޅުވެފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހު ރައީުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޝްވަރާގެ މޭޒަށް ގެންނާނެ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ވަކި ދުވަހެއް ކަނޑައަޅައި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު މަޝްވަރާގެ މޭޒަށް ގެންދަން ނުޖެހޭ ކަމަށެވެ.