25 Apr 2015, 22:41
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށް ހަނދުމަފުޅު ނެތިގެން އެމަނިކުފާނު ސަޕޯޓްކުރައްވާ ޓީމްގެ ބައިކޮޅަށް އަމިއްލަ ގޯލެއް ޖެހިއްޖެއެވެ.
އިނގިރޭސި ވިލާތުގެ ބަރުލަމާނީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް، ކޮންޒަވޭޓިވް ޕާޓީއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ކެމަރަން ވިދާޅުވީ އެމަނިކުފާނު އެދެނީ ހުރިހާ ފަރާތްތަކުންވެސް ވެސްޓްހަމް ޔުނައިޓެޑަށް ސަޕޯޓުކުރުމަށެވެ. ނަމަވެސް ކެމަރަން މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އެސްޓަންވިލާގެ ސަޕޯޓަރެއްކަމަށެވެ. އެހެންކަމުން އިނގިރޭސި މީޑިއާތަކުން އެކަން ސިފަކޮށްފައިވަނީ ވެސްޓަހަމްއާ ވާދަވެރި އެސްޓަންވިލާގެ ކޮޅަށް އެމަނިކުފާނު އަމިއްލައަށް ޖެއްސެވި ގޯލެއްގެ ގޮތުގައެވެ.

އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން --- ފޮޓޯ/ އޭޕީ
ނަމަވެސް ފަހުން ގްރީން ޕާޓީގެ ލީޑަރު ނަޓްލީ ބެނެޓް ކެމަރަން 'ފަރުވާ ކުޑަ ކަމާއެކު' ދެއްކިވާހަކަތައްފާހަގަކޮށް އެކަމާ ފާޑު ވިދާޅުވުމުން އެމަނިކުފާނު ވަނީ އެވާހަކަ ރަނގަޅު ކުރައްވާފައެވެ. ބެނެޓް ކެމަރަން ސިފަ ކުރެއްވީ ޝަރާބު ހިއްޕެވުމުގެ ސަބަބުން ހަނދާން ބަލިވެފައިވާ ބޭފުޅެއްގެ ގޮތުގައެވެ.

ނަޓްލީ ބެނެޓް. އޭނާ ވަނީ ކެމަރަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. --- ފޮޓޯ/ ބީބީސީ
އެހެން ނަމަވެސް ޓްވިޓާގައި އެތައް ބަޔަކު ދަނީ ކެމަރަންއަކީ އެސްޓަންވިލާގެ ލޯޔަލް ސަޕޯޓަރެއް ނޫންކަމަށް ބުނެ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ސްކައި ނިއުސްގެ މަޝްހޫރު ޕްރެޒެންޓަރު ޑާމެޓް މާނެހަމް އެކަމާ ބެހޭގޮތުން ކެމަރަންއާ ސުވާލުކުރުން އެމަނިކުފާނު ވިދާޅުވީ ފުޓުބޯޅަ ނުބައްލަވާތާ އަހަރުތަކެއް ހޭދަވެފައިވާ ކަމަށެވެ.
ކެމަރަންގެ 2020 ގެ ތަސައްވަރު ހާމަކުރައްވަމުން އޭނާ ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތަކީ ހުރިހާ ދީނެއްގެ ހުރިހާ ކުލައެއްގެ ހުރިހާ ނަސަބެއްގެ މީހުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ގައުމެއްކަމުގައި ހައްދަވާނެކަމަށެވެ.