ރިޔާސީ ފްލީޓްގައި ހިމެނޭ ސައިމާ ލޯންޗް، މުލިއާގޭގައި އުޅުއްވާ ބޭފުޅަށް ރައީސް ދެއްވާފައިވާ ކަމަށް ބުނެ ފެންމަތިކޮށްފައިވާ މައްސަލައިގައި ގައުމީ ދިފާއީ ބާރުން އާންމު ކުރި ލޯންޗުގެ ފޮޓޯ އާއި މައްސަލަ އޭސީސީއަށް ހުށަހެޅުއްވެވި ޕާލަމެންޓް މެންބަރު އިލްހާމް އަހުމަދު އާންމުކުރި ފޮޓޯގައިވާ ލޯންޗްގައި ބޭނުންކޮށްފައި ވަނީ އެއް ރަޖިސްޓަރީ ނަމްބަރެކެވެ.

ސައިމާ، މުލިއާގޭގެ ވަޒީފާ އަދާކުރައްވާ ތ. ގާދިއްފުށީ މުހައްމަދު ރަގީބު (މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު) އަށް ރައީސް ނަޝީދު ދެއްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އޭސީސީ އަށް އިއްޔެ ހެނދުނު މައްސަލަ ހުށަހެޅުއްވެވި އިރު އެޓޭޗްކޮށްފައިވާ ތ. ގާދިއްފުށީގައި އޮތް ސައިމާ ލޯންޗު ކަމަށް ބުނާ ލޯންޗުގެ ފޮޓޯގައިވާ ރަޖިސްޓްރީ ނަމްބަރަކީ، ޓީ 10 G4834A02 އެވެ.

ސައިމާ ލޯންޗް އޮތީ މަރާމާތަށް ތިލަފުށީގައި ކަމަށާއި ލޯންޗު ތިލަފުއްޓަށް އަރުވާފައި ހުއްޓާ ގައުމީ ދިފާއީ ބާރުން ރޭ ނެގި ފޮޓޯއެއް ކަމަށް ބުނެ އާންމު ކުރި ފޮޓޯގައިވާ ލޯންޗްގައި ޖަހާފައި ވަނީ ހަމަ އެ ރަޖިސްޓަރީ ނަމްބެރެވެ. ދެ ލޯންޗުގެ ކިއްސަރާއި ދަމާފައިވާ ދަވާދު ފަށްތަކުގައި ވެސް އެއްވެސް ތަފާތެއް ނުވެއެވެ. ހަމައެކަނި ތަފާތަށް ފެންނަނީ ދެ ލޮކޭޝަނެއްގައި ދެ ދިމާއަކުން ލޯންޗު ފެންނަން އޮތުމާއި އެއް ފޮޓޯ ކުލަވެފައި އަނެއް ފޮޓޯ ކަޅާއި ހުދުން އޮތުމެވެ.

އިލްހާމް، ސައިމާއާ ބެހޭ ގޮތުން އޭސީސީއަށް މައްސަލަ އެއް ހުށަހެޅުއްވީ ދައުލަތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ލޯންޗް ރައީސް ނަޝީދުގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ، މުލީއާގޭގެ ޑިރެކްޓަރު މުހައްމަދު ރަގީބު އަށް ދެއްވާފައިވާ ކަމަށާއި އެ ލޯންޗް މިހާރު ބޭނުން ކުރަނީ ވިޔަފާރި އުސޫލުން ދަތުރުތައް ކުރުމަށް ކަމަށް ތުހުމަތު ކޮށެވެ.

މި މައްސަލައިގައި ރައީސް އޮފީހުގެ ފައިނޭޝަލް ސެކްރެޓަރީ އަހުމަދު މައުސޫމް ވިދާޅުވެފައި ވަނީ ސައިމާ ލޯންޗު، ރައީސް މީހަކަށް ދެއްވާފައިވާ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެ ލޯންޗު އޮތީ މަރާމާތަށް ތިލަފުއްޓަށް އެހެލާފައި ކަމަށް މައުސޫމް ވެސް ވިދާޅުވެ އެވެ.

ގައުމީ ދިފާއީ ބާރުން ބުނަނީ މުލިއާގޭގައި ބޭނުންކުރި ލޯންޗުތަކުގެ ތެރެއިން ބައެއް ލޯންޗުތަކާ ގައުމީ ދިފާއީ ބާރުން ހަވާލުވިއިރު އެ އުޅަނދުތަކުގެ ތެރޭގައި "ސައިމާ" ކިޔާ ލޯންޗެއް ހިމެނިފައި ނުވާ ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިމާ އޮތީ މަރާމާތު ކުރަން ތިލަފުށީގައި ކަމަށެވެ. އެހެން ބުނި ނަމަވެސް ސައިމާ ތިލަފުށީގައި އޮތްކަން ސާބިތިކޮށް ދިނުމަށް ސިފައި ވަނީ ފޮޓޯއެއް އާންމުކޮށްފަ އެވެ.