އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ތ. އަތޮޅުގެ ރަށްތަކުގެ ސުކޫލްތަކަށް ކުރެއްވި ޒިޔާރަތް ނިންމާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ތ. އަތޮޅުގެ ހުރިހާ ރަށަކަށް މިނިސްޓަރު ވަނީ ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ތ. ދިޔަމިގިލީ ޕްރީ ސްކޫލްގެ ބިންގާ އަޅުއްވާދެއްވާފައެވެ. މި ޕްރީ ސްކޫލަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ސަރުކާރުން ޚަރަދުކޮށްގެން ހަދާ ޕްރީ ސްކޫލެއް ކަމަށް އެޑިއުކޭޝަނުގެ އޮފިޝަލަކު ވިދާޅުވިއެވެ. މިއީ ދެ ކްލާސްރޫމުގެ ޕްރީ ސްކޫލު އިމާރާތެކެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ވަނީ ތ. ވަންދޫގައި ކޮމްޕިއުޓަރު ލެބެއް ހުޅުވާދެއްވާފައެވެ. ހަތަރު ދުވަހަށް ދެމިގެންދިއަ މި ދަތުރުގައި އެޑިޔުކޭޝަން މިނިސްޓަރު ވަނީ ސްކޫލުތަކުގެ ބައެއް ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންނާއި، ސްކޫލް ބޯޑާއި ޕޭރަންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ސްކޫލްތަކުގެ ކިޔެވުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ބެހޭ ގޮޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ދަރިވަރުން ހުނަރުވެރިކުރުވައި މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަަސައްކަތްތަކާބެހޭ މައުލޫމާތު މިނިސްޓަރު ވަނީ ބައްދަލުވުންތަކުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ "ދަސްވާރު" ޕްރޮގްރާމާއި މިދިޔަ އަހަރު އަލަށް ފާށާފައިވާ "ބީޓެކް" ޕްރޮގްރާމާއި އަދި ޓިވެޓް އޮތޯރިޓީން ހިންގަވަމުންގެންދާ ކޯސްތަކާގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.