ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ‏‏މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް‏، ނޭޕާލްގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާއަށް ‏‏ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏‏ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ‏‏ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ‏‏މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.‏

ނޭޕާލުގެ ގަޑިން މިއަދު 11:56ގައި އައި 7.9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު އިންޑިއާ ވެސް ވަނީ ކޮށްފައެވެ. އެ ހާދިސާގައި ނޭޕާލުން މަރުވި މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އިންޑިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައެވެ.