25 Apr 2015, 17:02
ނޭޕާލަށް މިއަދު އެގައުމުގެ ގަޑިން 11:56 ހާއިރު އައި ރިކްޓާ މިންގަނޑުން 7.9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ސަންއަށް ބުނީ، ނޭޕާލަކީ ރާއްޖެއާ ވަރަށް ދުރު ހިސާބެއްކަމަށާއި، އެހެންކަމުން ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ބިންހެލުމުގެ ސަބަބުން ސުނާމީ އިންޒާރެއް އައިސްފައި ނުވާކަމަށް އެތަނުން ވަނީ ބުނެފައެވެ.
މިއަދު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް އައި ބާރު ގަދަ ބިންހެލުމުގައި ނޭޕާލުގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝްއަށްވެސް އެކިވަރުގެ ގެއްލުންތަށް ދަނީ ލިބެމުންނެވެ.
މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން ނޭޕާލުން މިހާތަނަށް މަރުވި މީހުންގެ އަދަދު 700އާ ގާތްކުރެއެވެ. އަދި އިންޑިއާއިންވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ކަމުގެ ރިޕޯޓުތަށް ދަނީ ލިބެމުންނެވެ.
ނޭޕާލުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލު ރަގަޅުކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވަނީ ވިދާޅުވެފައެވެ. ދުންޔާ ވިދާޅުވީ، ނޭޕާލްގައި ދިވެހީން އާންމުކޮށް ދިރިއުޅެނީ 3 ސަރަހައްދެއްގައި ކަމަށާއި، އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް މެދުވެރިކޮށް އެފަރާތްތަކުގެ ހާލު ބައްލަވަމުން އަންނަ ކަމަށެވެ. އަދި ނޭޕާލްގައި ކިޔަވަން ތިބި 50 ދިވެހި ކުދީންގެ ތެރެއިން ގިނަ ކުދިންނަށް މިހާރު ގުޅިފައިވާ ކަމަށެވެ.
ނޭޕާލަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި އެގައުމުގެ ތާރީހީ ދަރަހަރާ ޓަވަރު ބިމާ ހަމަވެފައިވާއިރު، ނޭޕާލު ސަރުކާރުގެ ގިނަ އިމާރާތްތަށް ވެސް ވަނީ ފުނޑުފުނޑުވެފައެވެ.