24 Feb 2011, 10:28
މަދަނީ ޖަމްއިއްޔާއެއް ކަމުގައިވާ ޑިމޮކްރަސީ ހައުސް އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ޔޫތު ޕާލިމަންޓްގައި ބައިވެރިވި ދެ ދަރިވަރަކަށް، ކޮމަންވެލްތު ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތު ޕާލިމެންޓްރީ އެސޯސިއޭޝަން [ސީޕީއޭ] އިން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ދީފި އެވެ.
ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެސްމިންސްޓާ ހައުސަސް އޮފް ޕާލިމެންޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ހަފްލާގައި ބައިވެރިވުމުގެ ފުރުޞަތު ދެ ކުއްޖަކަށް ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތިން މުވައްޒަފަކާއި ޑިމޮކްރަސީ ހައުސްގެ ބޭފުޅެއް ހިމެނޭ ޕެނަލަކުން ޔޫތު ޕާލިމެންޓްގެ 37 ބައިވެރިންގެ މެދުގައި ގުރުއަތުލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
ނަމަވެސް އެ ދެ ކުދިންގެ ނަމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކުން ނުބުންޏެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނީ އަންނަ އަހަރުން ފެށިގެން މިފުރުސަތު ދެއްވުމަށް ހަމަޖެހިފައި ވަނީ ޔޫތު ޕާލިމެންޓްގެ އެންމެ ރަނގަޅު ދެ ދަރިވަރަކަށްކަމަށެވެ.
މީގެ ކުރިން ކޮމަންވެލްތު ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ދެނީ އިނގިރޭސި ވިލާތުގައި ކިޔަވާ ދިވެހި ދެ ދަރިވަރަކަށެވެ.
މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރަކީ "ވިމެން އޭޒް އެޖެންޓް އޮފް ޗޭންޖް" އެވެ.
ގުރުއަތުން ހޮވުނު ދެ ކުދިންނަށް އިނގިރޭސި ވިލާތުގައި އެއްރޭ ތިބުމުގެ ހަރަދު ސީޕީއޭ އިން ދޭ އެ ޕްރޮގްރާމްގައި، އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލް ދެއްވާ ރަސްމީ ފަރިއްކޮޅުގައި ވެސް އެ ކުދިން ބައިވެރި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ. އެ ފަރިއްކޮޅަކީ ކޮމަންވެލްތުގެ އެންމެ އިސް ވެރިޔާ، އިނގިރޭސި ރާނީ އެލިޒަބަތު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ފަރިއްކޮޅެކެވެ.