ނޭޕާލްގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ސަންއަށް ވިދާޅުވީ ނޭޕާލްގައި ތިބި ދިވެހި ވަރަށް ގިނަ ކުދިންނާ ގުޅިއްޖެކަމަށާއި ދިވެހިން ދިރިއުޅޭ ތިން ސަރަހައްދުގައިވެސް ހުރިހާ ކުދިންގެ ހާލު ރަނގަޅުކަމަށެވެ.

"ނޭޕާލްގައި ހުންނަވާ ދިވެހި ކޮންސިއުލޭޓްގެ ބޭފުޅުންވެސް ވަނީ ދިވެހިން ދިރިއުޅޭ ތިން ސަރަހައްދުގެ ހާލަތުވެސް ބައްލަވާފަ. ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު،" ދުންޔާ ވިދާލުވިއެވެ.

ދުންޔާ ވިދާޅުވީ ނޭޕާލްގައި 50 ދިވެހިން ދިރިއުޅޭ ކަމަށާއި އޭގެތެރެއިން ގިނަ ކުދިންނަކީ މެޑިކަލް ދާއިރާއިން ކިޔަވާ ދަރިވަރުންކަމަށެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އެޑިއުކޭޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީ ގުޅިގެން ދިވެހިންގެ ހާލަތު ކައިރިން ބަލަމުންދާ ކަމަށެވެ.

ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން ނުގުޅި ތިބި ދިވެހި ދަރިވަރުންނާ ނޭޕާލްގައި ތިބި އެހެން ދިވެހި ދަރިވަރުން ގުޅައިގެން އެކުދިންގެ ހާލު އަންގަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ނޭޕާލު ގަޑިން މެންދުރު 11:56ގައި ހަތް މޭލު ބިމުގެ އަޑިންއައި މިބިންހެލުމުގެ ސަބަބުން ބޮޑެތި އިމާރާތްތަކެއް ވަނީވެއްޓިފައެވެ. މިހާތަނަށް 450 މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

25 އޭޕްރީލް 2015 - ނޭޕާލަށް މިއަދު އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގެ ސަބަބުން ކަތުމަންޑޫގެ ދަރުބާރު މައިދާން ހަލާކުވެފައި -- ފޮޓޯ: އޭޕީ

އެންމެ ފަހުން ނޭޕާލަށް ބިންހެލުމެއް އައިސްފައިވަނީ 2011 ވަނަ އަހަރުއެވެ. އެބިން ހެލުމުގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ނޭޕާލަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 1934 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހުއެވެ. އެބިންހެލުން ރކޯޑް ކުރެވިފައިވަނީ 8.3 މެގްނަޓިއުޑްގައެވެ.

25 އޭޕްރީލް 2015 - ނޭޕާލަށް މިއަދު އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގެ ސަބަބުން އިމާރާތެއް ފުނޑުފުނޑުވެފައި -- ފޮޓޯ: އޭޕީ