ދެ ވަނަ ފަހަރަކަށް ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް މެންޗެސްޓާ ސިޓީގެ ކީޕަރު ޝޭ ގިވަން ތިން މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ސިޓީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނީ ގިވަން ނެތުމަކީ ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް އަނިޔާ ރަނގަޅު ކުރުމަށް ކޮނޑުހުޅު އޮޕަރޭޝަން ކުރަން ޖެހޭ ކަމަށެވެ.

އުމުރުން 34 އަހަރުގެ އަޔަލޭންޑުގެ ގައުމީ ކީޕަރުގެ ކޮނޑަށް އެންމެ ފުރަތަމަ އަނިޔާވީ ހުސްވި ސީޒަނުގަ އެވެ. އޭގެ ފަހުން ފަރުވާ ހޯދައިގެން ކުޅެން ނުކުތް ނަމަވެސް އޭނާ އަށް ވަނީ ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ނުލިފަ އެވެ. އެއީ އިނގިރޭސި ޒުވާން ކީޕަރު ޖޯ ހާޓްގެ ސަބަބުންނެވެ. މިހެންވެ އެހެން ޓީމަކަށް ދިއުމަށް ވެސް އޭނާ ވަރަށް ބޮޑަށް އެދުނެވެ. ނިއު ކާސަލްގެ ކުރީގެ ކީޕަރު މި އަހަރު ސީޒަނުގައި ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ.