25 Apr 2015, 15:46
އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށް ޕާކިސްތާނުގައި މަސައްކަތް ކުރާ މަޝްހޫރު އެކްޓިވިސްޓް ސަބީން މުހައްމަދަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.
ރޭ އިރާކޮޅު އޭނާ މަރާލީ ޕާކިސްތާނުގެ ބުލޫވިސްތާނު ސަރަހައްދުގައި ބޭއްވި މީޓިން އަކަށް ފަހު ގެއަށް އައި މަގުމަތީގައި ކަމަށް އަލްޖަޒީރާ ނޫހުން މިއަދު ބުންޏެވެ.
ސަބީން، 40، އަކީ "ސެކަންޑް ފްލޯ" ކެފޭގެ އަދި އާޓް ސްޕްސޭސްގެ ޑައިރެކްޓަރެވެ. އޭނާ އަކީ ޕާކިސްތާނުގައި އިންސާނީ ހައްގާއި އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން އެންމެ ފުޅާކޮށް ވާހަކަ ދައްކާ އެކްޓިވިސްޓެވެ. އޭނާގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ހިންގަނީ އޭނާގެ ކެފޭގަ އެވެ.
ޕާކިސްތާނުގެ ފުލުހުންނާ ހަވަލާދީ އަލްޖަޒީރާ އިން ބުނީ ވަރަށް ކައިރީގައި ހުރެ، ސަބީންގެ ގައިގެ ހަތަރު ތަނަކަށް ބަޑިން ހަމަލާދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ކޮނޑާއި މެޔާއި ދައްބަޑަށް ވަޒަން އަރާފައިވެ އެވެ.
އޭނާ ރޭ 9:40ގައި ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ސަބީން އަށް ގޮތް ނޭނގޭ ބަޔަކު ބަޑިން ހަމަލާދިނީ އޭނާ އިވެންޓެއް ނިންމުމަށް ފަހު އޭނާގެ މަންމައާ ވެސް އެކު ގެ ދިޔަ މަގުމަތީގައި ކަރާޗީގަ އެވެ.
އޭނާގެ މަންމަގެ ގައިގެ ދެ ތަނަކަށް ވެސް ބަޑީން ހަމަލާދިން ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ. ނަމަވެސް އޭނާގެ ފުރާނައަށް ގެއްލުން ނުވެ، ހަސްޕިޓަލުގައި މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށް އަލްޖަޒީރާ އިން ބުންޏެވެ.